ދުނިޔެ

ނޯވޭގެ މިސްކިތަކަށް ހަމަލާދިން މީހަކު ހުއްޓުވައިފި

Aug 11, 2019

އޮސްލޯ (އޯގަސްޓް 11) - ނޯވޭގެ އޮސްލޯގައި ހުރި މިސްކިތަކަށް ބަޑި ހިފައިގެން ވަދެ ހަމަލާދިން މީހަކު އެވަގުތު މިސްކިތުގައި ތިބި މީހުން ހުއްޓުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ގިނަ އަދަދެއްގެ އޮޓޮމެޓިކް ބަޑިތަކެއް ހިފައިގެން މިސްކިތަށް ހަމަލާދީފައިވަނީ އެންމެ މީހެއް ކަމަށާއި، ނަމަވެސް އެވަގުތު މިސްކިތުގައި ތިބި މީހުން އެ މީހާ ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް، އަލް-ނޫރު އިސްލާމިކް ސެންޓަރަށް ހަމަލާދިން ވަގުތު އެކަކު ޒަހަމްވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިސްކިތުގައި ތިބި މީހުން ވަނީ ހަމަލާދިން މިހާ ހިފަހައްޓާއި، ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މިއަދު ނޯވޭގައިވެސް އީދު ފާހަގަކުރާއިރު، އެގައުމުގައި ހުރި މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާމެދު އަދި ގޮތެއް ނުނިންމަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އިތުރު ފިޔަވަޅެއް އަޅާނީ، އެހެން މިސްކިތްތަކަށް ނުރައްކަލެއް އޮތް ކަމަށް ދެނެގަނެވިއްޖެނަމަ އެވެ.

މިއަހަރު ކުރީ ކޮޅު ނިއު ޒީލެންޑުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާއާ ގުޅިގެން ނިއު ޒީލެންޑުގައި އާންމުންގެ މީހުން އޮޓަމެޓިކް ބަޑި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.