އީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވެ އީދު ސަލާން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި އީދު ސަލާން ކުރައްވައިފިއެވެ.
ދެ ބޭފުޅުން ވެސް އީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ކުރި އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސް އާއި ރައީސްގެ ނައިބަށް އީދުގެ ތަހުނިޔާ ވިދާޅުވެ އީދު ސަލާން ކުރެއްވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިން ވެސް ހިމެނެއެވެ.
މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އީދުގެ މުނާސަބަތުގައި ރައީސް ވަނީ ރައްޔިތުންނަށް އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ހައްޖާޖީންނަށް ވެސް ރައީސް ވަނީ އީދުގެ ތަހުނިޔާ ވިދާޅުވެ ބަރަކާތްތެރި އީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.