ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަމަޖެހުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސް އެދިވަޑައިގެންފި

މުޖުތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑު އީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް މިރޭ ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ ބޮޑު އީދު ފާހަގަކުރާއިރު އެންމެ މަތިވެރި މަގުސަދަކީ އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުން ކަމަށެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ އީދުގައި އުފާ ފާޅުކުރާއިރު މައިންބަފައިންނާ ބައްދަލުކޮށް، އިހްތިރާމާއި އޯގާތެރިކަމާއެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށާއި، އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށް އެދިވަޑައިގެންފަ އެވެ.

ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަހްމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު އީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާވެސް ބައްދަލުކޮށް، މުޖުތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނު ވަނީ ފަގީރުންނާއި މިސްކީނުނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށްވެސް ގޮވާލައްވާފަ އެވެ.

ރައީސް ހިތާބު ނިންމަވައިލެއްވީ ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ ރަހްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި މިއަދުގެ މުނާސަބަތުގައި ހުރިހާ ރައްޔިތުންވެސް ހިތްތަކުގައި ކުޑަނަމަވެސް ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވަނީ އީދުގެ މުނާސަބަތުގައި ހުރިހާ ދިވެހިންނަށާއި މުޅި އިސްލާމީ އުއްމަތަށް އީދުގެ ތަހުނިޔާވެސް ފޮނުއްވާފަ އެވެ.