އީދުގެ އުފާ ފާޅުކުރާއިރު އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްހާ އީދުގެ މުނާސަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތަކީ އެތައް އިބްރަތްތަކެއް ލިބިގަނެ ދެ ދުނިޔޭގެ ކާމިޔާބީ ހާސިލްކުރުމަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުސަތެއް ކަމުގައެވެ.
އަދި ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަލްހާ އީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން ހައްޖުގެ އަޅުކަމާ ގުޅިފައިވާ އިބްރަތްތެރި ފިލާވަޅުތަކުން އިލްހާމް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި ނަފްސު ތާހިރު ކުރުމާއި މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި ދަތިތަކާއި މުސީބާތްތަކަށް ކެތްތެރިވުމަކީ ހައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށެވެ. މިއީ މިއަދު ކުރިމަތިވެފައިވާ ގައުމީ އަދި އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި މުޖްތަމައުގައި އާލާކުރަންޖެހިފައިވާ ކަންކަން ކަމަށެވެ.
މީގެ އިތުރުން މި ބަރަކާތްތެރި އީދުގެ އުފާ ފާޅުކުރާއިރު އެކަކު އަނެކަކަށް އެހީތެރިވެ އީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ ހިތްތަކުގައިވާ ހަސަދައިގެ ކިލަނބުކަން ފިލުވައި އެއްބައިވަންތަކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލައްވާފައި ވަނީ ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.