ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނަން ރައީސް އެދިވަޑައިގެންފި

Apr 21, 2023
1

ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ފިތުރު އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސްގެ ތަހުނިޔާގެ ހިތާބުގައި، އެމަނިކުފާނު ވަނީ ހަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މައާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރޯދައިގެ އަޅުކަމުން ހާސިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ތާހިރުވެ އަލުން ތާޒާވުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އީދުގެ ހަގީގީ އުފަލެއް ކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ހާލިސްކަމާއި ހިތްހެޔޮކަން ފާޅުކުރުމަށެވެ. އެކުވެރިންނާއި ރަހްމަތްތެރިންނާ ބައްދަލުކޮށް އީދުގެ ތަހުނިޔާ ބަދަލުކުރުމަށްވެސް ރައީސް ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފަގީރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާ މެދު މެދު އޯގާތެރިވުމަށްވެސް ބާރުއަޅުއްވާފަ އެވެ.

ރައީސްގެ ހިތާބުގައި ވަނީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި މި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ވެސް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފަ އެވެ.