ގޭގައި ތައްޔާރުކުރާ ހަދިޔާ އެންމެ ގިނަ އިން ފެންނަނީ އީދު ބަންދުގަ އެވެ. ހާއްސަކޮށް ބޮޑު އީދުގަ އެވެ. ބައެއް ރަށްރަށުގައި ތަފާތު އެކި ޑިޒައިންތަކުގެ ފޮނި ކާޖާ ތައްޔާރު ކުރެ އެވެ. އަނެއްބައި ރަށްރަށުގައި ކުޅި ކާޖާގެ ތަފާތު ރަހަތައް އުފައްދަ އެވެ. ނަމަވެސް މި އާދަޔާ ހުނަރުތަކުން އުފައްދާ ތަކެތި މިހާތަނަށް ހަމައެކަނި ކުރަނީ ހަދިޔާ އެވެ. ހަދިޔާގެ ގޮތުގައި ދެނީ އެވެ. މި ބާވަތްތަކުން އިތުރު ނަފާއެއް ހޯދޭނެ ގޮތެއް މިހާރަކު ނެތެވެ. ނަމަވެސް މި ނޮވެމްބަރު މަހު މާލޭގައި އޮންނަ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަންނު އެކްސްޕޯ ގައި މި އުފެންތައް ބައިވެރިކޮށްގެން މީގެން ނަފާ ހޯދިދާނެ އެވެ. ބައިވެރި ކުރުމުން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ބައިވެރިވުން އޮންނަނީ ކޮން ގޮތެއްގައި ހެއްޔެވެ ؟
ފަންނު އެކްސްޕޯގައި ދެ ގޮތަކަށް އީދު ހަދިޔާ ބައިވެރި ކުރެވިދާނެ އެވެ. އެއް ގޮތަކީ މިތަކެތި މި މައުރަޒަށް ގެނެސް ޑިސްޕްލޭކޮށްލައިގެން ވިއްކާލުމެވެ. އަނެއް ގޮތަކީ މި ތަކެތި މުބާރާތުގެ ބައިގައި ވާދަކުރުމެވެ. މި ދެގޮތުން ކޮންމެ ގޮތެއް ހިޔާރު ކުރިނަމަވެސް ފައިދާ ބޮޑެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅު ޖެހެމުން ދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.
ފަންނު އެކްސްޕޯގައި ހިލޭ ބައިވެރިވެވޭނެ އެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30 ވަނަ ދުވަހެވެ.
މައުރަޒުގައި ބައިވެރިވެވޭނީ
- އަމިއްލަ ފަރުދުންނަށް
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)ަ
- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް ޖަމިއްޔާ ދާއިރާ
މި ހާއްސަ މަރުކަޒުގައި ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެންވެ މިއީ އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެކެވެ.
ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 22-28 ނޮވެމްބަރު ގައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމާއި އުސޫލު ވަނީ މިނިސްޓްރީ އާއްމުކޮށްފައިވެ އެވެ.
ވަނަ ހޮވައި ގިނަ އިނާމުތަކެއް
މި މައުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ދާއިރާއަކުން ތިން ވަނައެއް ހޮވާނެ އެވެ. ރަންވަނަ ވަނަ ( މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބޭ ފަސް އުފެއްދުން) މި މައުރަޒުގައި ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް 85 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަންވަނަ އަށް ވާދަކުރެވޭނެ އެވެ. އަދި އޭގެ ތެރެ އިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު ފަސް އުފެއްދުމަށް ރަން ވަނަ ދެވޭނެ އެވެ.
އިންސާފު ކުރުމުގައި ބަލާނެ އާންމު ބައިތައް
- އިރުމާކުރުމުގެ ފުރިހަމަކަމާއި، މަސައްކަތުގެ ފަށުވިކަމާއި، ހިޔާލުގެ މުއްސަނދިކަން
- މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު
- އުފެއްދުން ފަރުމާކޮށް އުފެއްދުމުގައި ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް އުފެއްދުން ތައްޔާރުކުރެވިފައިވާ މިންވަރު
- އެ އުފެއްދުން ބަންދުކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގައި ހުރި ފަސޭހަކަން ނުވަތަ މަރުކާ ކުރެވިފައިވާ މިންވަރު
- އުފައްދަން ބޭނުންކޮށްފައިވާ މެޓީރިއަލްސް
- އުފެއްދުން މާކެޓް ކުރެވިދާނެ މިންވަރު
- އުފެއްދުމުގައި ތިމާވެށްޓާއި ރަހުމަތްތެރި މިންވަރު
ވިޔަފާރި އަކަށް ބަދަލުކޮށްލަން އެހީ
އުފެއްދުމެއް ތައްޔާރު ކުރުމަށްފަހު މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓު ކުރުމާއި އެ އެއްޗެއް އުފައްދާނެ ގޮތެއް ނެތުމެވެ. ފުޅާ ކުރަން އޮތް އެންމެ ބޮޑު ހުރަހަކީ މި އެވެ. އެހެންވެ ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބޭނެ އެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރެވޭނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ. ފަސް ފަރާތަކަށް އެހީވެދީ، އެއިން ކޮންމެ ފަރާތަށް އެސްޑީއެފްސީ އިން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭން ވެސް ވަނީ ނިންމާފަ އެވެ.