އިގްތިސޯދު

އުފެއްދުންތެރިކަން އިތުރުނުކޮށް ރާއްޖެއަށް ކުރިއަށް ދެވޭކަށް ނެތް

Sep 15, 2022
1

ތަރައްގީގެ ރޭހުގައި ކުރިއެރުމަށްޓަކައި، އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، މުޅި ރާއްޖެގެ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން މިވަނީ މުހިންމުވެފަ އެވެ.

މިގޮތުން އެހެން ގައުމުތަކުން އެއްޗެހި އެތެރެކުރުމުގެ ބަދަލުގައި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެ ތަކެތި އަމިއްލައަށް އުފެއްދިދާނެ އެވެ. މިއީ އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށްވުމަށްޓަކައި، އަހަންމިއްޔަތުކަން ދޭންޖެހިފައިވާ ކަމެކެވެ.

ފަަސްލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި މީހުން ދިރިއުޅެނީ 200 ރަށުގައި ކަމަށްވީއިރު، ބަކީ 1190 އަށް ވުރެ ގިނަ ރަށްތަކަކީ މީހުން ދިރިނޫޅޭ ފަޅު ރަށްތަކެވެ. މީގެތެރެއިން 132 ރަށެއްގައި ރިސޯޓުތައް ހަދާފައިވާއިރު ބޭނުން ނުހިފާ އޮތް ފަޅު ރަށްތަކަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އަގުހުރި ޖަވާހިރުތަކެކެވެ. ރަށްތަކުގެ އިތުރުން، ވަށައިގެން މިވާ ކަނޑުފަޅުތަކަކީވެސް މިއަދު އެ ވަސީލަތްތަކުގެ ބޭނުންހިފައި، މުޅި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފަދަ ވަސީލަތްތަކެކެވެ.

މިއަދު އެހެން ގައުމުތަކުން ރާއްޖެއަށް އިމްޕޯޓުކުރާ ތަކެތީގެ އަގު މިއަހަރުގެ މޭ މަހުގެ ނިޔަލަށް 340.6 މިލިއަން ޔޫއެސް ޑޮލަރަށް އުފުލިފައިވާއިރު، މި އަދަދު މަދުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހެ އެވެ. މިގޮތުން އާންމުކޮށް ރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ތަރުކާރީ، މޭވާ، ތެޔޮ، ލަކުޑި، ސިމެންތި ފަދަ ތަކެތި ހިމެނޭއިރު މީގެތެރޭގައި ދިވެހިންނަށް އަމިއްލައަށް އުފެއްދިދާނެ ބައެއް ތަކެތި އެބަހުއްޓެވެ.

މިސާލަކަށް ތަރުކާރީ އަދި މޭވާގެ ބާވަތްތައް މިއަދު ރާއްޖެއަށް ވަކި ގައުމުތަކަކުން އިމްޕޯޓް ކުރާއިރު އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ފަޅަށް ހުރި ރަށްތަކުގެ ތެރެއިން ބިން ރަނގަޅު ރަށްތައް ހޯދައި، އެފަދަ ރަށްތަކުގައި މޭވާއާއި ތަރުކާރީ އުފެއްދިދާނެ އެވެ. ރާއްޖޭގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ގޮވާމުގެ ބާވަތްތައްވެސް އުފައްދަން މަސައްކަތްކުރެވިދާނެ އެވެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންވެސްޓް ކުރެވިދާނެ ދާއިރާތަކެވެ.

ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މި ސިނާއަތަށް ޒަމާނީ ވަސީލަތްތައް ތައާރަފްކޮށް މަސްވެރިކަން އިތުރަށް ރަނގަޅު ކުރެވިދާނެ އެވެ. ޒަމާނީ ފެންވަރުގެ ދޯނިފަހަރުތައް ބަނދެ މި މަސައްކަތުގައި ބޭނުންކުރެވިދާނެ އެވެ. މީގެއިތުރުން މަސް ބޭނުންކޮށްގެން އުފައްދާ ވަޅޯމަސް، މަސްމިރުސް، ރިހާކުރު، މަސްދަޅު ފަދަ ބާވަތްތައް އުފައްދާ މިންވަރު އިތުރުކޮށް، މިހާރަށް ވުރެ އިތުރަށް އިޝްތިހާރުކޮށް، އެހެން ގައުމުތަކަށް ކުރެވޭ އެކްސްޕޯޓުގެ އަދަދުވެސް އިތުރުކުރަން މަސައްކަތް ކުރެވިދާނެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، އާމްދަނީ ހޯދޭނެ މަގެކެވެ.

އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ވުމަށްޓަކައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭއިރު، ކުރިއަރުވައި ފުޅާކުރެވިދާނެ އަނެއް ދާއިރާ އަކީ ފަތުރުވެރިކަމެވެ. މިގޮތުން ރިސޯޓުތައް ހެދުމަށްޓަކައި ބިން އަދި ރަށްތައް ދޫކުރުމުގައި ދިވެހި ވިޔަފާރިތަކާއި، އިންވެސްޓަރުންނަށް އިސްކަން ދިނުން މުހިއްމެވެ. ގައުމުގެ އިޤުތިސާދުން ބޭރުވާބައި ކުޑަވެ، މަލީ ތަނަވަސްކަން އިތުރުކުރެވޭނީ މިފަދަ ފުރުސަތުތައް ދިވެހި ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފަހިވެގެންނެވެ.

ދުނިޔޭގެ ބާޒާރުގައި ވަރުގަދަ ގައުމަކަށް ވުމަށްޓަކައި، އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ޒަރިއްޔާއިން އުފެއްދުންތެރުކަން އިތުރުކުރަންޖެހެ އެވެ. އިގްތިސާދީގޮތުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބެން އޮތީ އޭރުންނެވެ.