ޓްރާންޝިޕްމަންޓް ބަނދަރު

ޓްރާންޝިޕްމަންޓް ބަނދަރެއް ބޭނުންވޭ

Sep 14, 2022
1

ލިޔުނީ: އިބްރާހިމް ޒާދީ

ދުނިޔޭގައި ކަނޑުމަގުން އެންމެ ގިނަ މުދާ އުފުލާ މައިމަގުގެ މެދުގައި އޮންނަ ދިވެހިރާއްޖެ އަކީ ލޮކޭޝަންގެ ގޮތުން ބަލާއިރު މި ސަރަހައްދުގައި ޓްރާންޝިޕްމަންޓް ޕޯޓް ގާއިމުކޮށްފައި ހުރި އެހެން ގައުމު ތަކާއި އަޅާ ބަލާއިރު، ފުރުސަތު ވަކި ހަނި ގައުމެއް ނޫނެވެ. ވާދަވެރި ވިޔަފާރީގެ މާހައުލުގައި ކާމިޔާބު ނަތީޖާ ފަސޭހައިން ނެރެވޭނެ ގައުމެކެވެ. ރާއްޖޭގެ އުތުރާއި ދެކުނާ އަދި ރާއްޖޭގެ މެދުން ކާގޯ ބޯޓް ފަހަރު ކެނޑިނޭޅި ހުރަސްކުރަމުން ދިއުމަކީ އާންމު ކަމެކެވެ.

ޓްރާންޝިޕްމަންޓް ޕޯޓަކީ އޭގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ނުހަނު މަންފާ ލިބޭނެ ކަމެއް ކަމުގައި، ޒަމާނުއްސުރެން ދިވެހިންގެ ތެރޭގައި ވާހަކަ ދެކެވެ އެވެ. ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކަނޑުމަގުން ކުރެވޭ ވިޔަފާރިތަކުގައި ރާއްޖެ ވާންޖެހޭނީ ދުނިޔެއަށް ނަމޫނާ އަކަށެވެ. ގުދުރަތީ ވަސީލަތް މުއްސަނދި ވެފައި ފުރުސަތު އެހާމެ ތަނަވަހެވެ. ރާއްޖޭގެ އުތުރާއި، ދެކުނާއި އަދި މެދު ރާއްޖޭގައި ގާއިމުކުރާ ޓްރާންޝިޕްމަންޓް ޕޯޓްތަކާއެކު އެކު ބަންކަރިން އަކީ، ކާމިޔާބު ކަމާއެކު ކުރެވިދާނެ ނަފާވެރި ވިޔަފާރިއެއް ކަމާމެދު ޝައްކު ކުރަންޖެހޭ ސަބަބެއް ނެތެވެ.

ދިވެހިރާއްޖެ އޮންނަ އިންޑިއާ ކަނޑުގެ ތެރެއިން، އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ކޮންމެ އަހަރަކު 70،000 އަށް ވުރެ ގިނަ ބޯޓް ދަތުރު ކުރެ އެވެ. އައްސޭރި ފަށުން ރާއްޖެ ހުރަސްކޮށް، މުމްބާއީ އިން އުތުރަށް، މޮމްބާސާ އިން ހުޅަނގަށް، ކޮލޮމްބޯ އިން އިރަށް، ޕާތް އިން ދެކުނު-އިރުމައްޗަށް އަދި ޑާބަން އިން ދެކުނު-ހުޅަގަށް އަހަރަކު އުފުލާ މުދަލުގެ އަގު 18 ޓްރިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ޕޯޓް އޮފް ސިންގަޕޯ

ދުނިޔޭގެ އެންމެ ބިޒީ ޓްރާންޝިޕްމަންޓް ހަބަކީ، ޕޯޓް އޮފް ސިންގަޕޯ އެވެ. އަހަރެއްގެ ތެރޭގައި މިބަނދަރުން 20 ފޫޓް ސައިޒުގެ 37 މިލިއަން ކޮންޓެއިނަރު ހޭންޑްލް ކުރާއިރު މީގެތެރެއިން 30.90 މިލިއަން ކޮންޓެއިނަރަކީ ޓްރާންޝިޕްމަންޓްގެ ގޮތުގައި ދައުރުވާ މިންވަރެވެ. އެއީ މުޅި ދުނިޔޭގައި ޓްރާންޝިޕް ކުރެވޭ ކޮންޓެއިނަރު ތަކުގެ 20 އިން ސައްތަ އެވެ. ދުނިޔޭގެ 123 ގައުމެއްގެ 600 ޕޯޓާއި ގުޅިފައިވާ މި ޕޯޓްގައި ހަ ޓާމިނަލާއެކު 84 ބާތް އޮވެ އެވެ. ދުވާލަކު 220،000 ކޮންޓެއިނާ ދައުރު ކުރެވޭ މި ޕޯޓްގައި 33،000 މުވައްޒަފުން ވަޒީފާ އަދާ ކުރެ އެވެ. 2040 ވަނަ އަހަރާ ހަމައަށްދާއިރު ޕޯޓް އޮފް ސިންގަޕޯގެ އަމާޒަކީ، އަހަރަކު 60 މިލިއަން ކޮންޓެއިނާ ހޭންޑްލް ކުރުމެވެ.

މި ސަރަހައްދުގެ މަޝްހޫރު ބަނދަރުތައް

ރާއްޖޭގެ އިރުމަތިން އެންމެ ގާތުގައި އޮތީ ސްރީލަންކާގެ ޕޯޓް އޮފް ކޮލަމްބޯ އެވެ. ދުނިޔޭގެ 24 ވަނައަށް އެންމެ ބިޒީ ޕޯޓްގެ ގޮތުގައި ރޭންކް ކުރެވިފައިވާ މި ޕޯޓުން އަހަރަކު 20 ފޫޓް ސައިޒުގެ 7.20 މިލިއަން ކޮންޓެއިނަރު ހޭންޑްލް ކުރެއެވެ.

ރާއްޖޭގެ އިރު-ދެކުނުން މެލޭޝިއާގެ ޕޯޓް ކްލަން އަކީ ދުނިޔޭގައި 13 ވަނައަށް އެންމެ ބިޒީ ޕޯޓް ކަމުގައި ރޭންކް ކުރެވިފައިވެ އެވެ. އަހަރަކު މެލޭޝިއާގައި، އިންޓަނޭޝަނަލް ހަތް ޕޯޓް އޮވެ އެވެ.

އުތުރުން އިންޑިއާގެ ޖޭއެލްއެންޕީޓީ (މުމްބާއީ) ބަނދަރަކީ ދުނިޔޭގައި 35 ވަނައަށް އެންމެ ބިޒީ ޕޯޓެވެ. މި ޕޯޓުން 20 ފޫޓް ސައިޒުގެ 5.10 މިލިއަން ކޮންޓެއިނަރު އަހަރަކު ހޭންޑްލް ކުރެ އެވެ. އިންޑިއާގައި އިންޓަނޭޝަނަލް 13 ޕޯޓް އޮވެ އެވެ.

ރާއްޖޭހެ ހުޅަގުން ތަންކޮޅެއް ދުރުގައި އޮތް އޮމާންގެ ޕޯޓް އޮފް ސަލާލާ އަކީ ދުނިޔޭގެ 47 ވަނައަށް އެންމެ ބިޒީ ޕޯޓެވެ. މި ޕޯޓުން 20 ފޫޓް ސައިޒުގެ 4.10 މިލިއަން ކޮންޓެއިނަރު އަހަރަކު ހޭންޑްލް ކުރެ އެވެ.

ރާއްޖޭގެ ހުޅަނގު-އުތުރުން ޔޫއޭއީގެ ޖެބެލްއަލީ އަކީ ދުނިޔޭގެ 12 ވަނައަށް އެންމެ ބިޒީ ޕޯޓެވެ. މި ޕޯޓުން 20 ފޫޓް ސައިޒުގެ 14.10 މިލިއަން ކޮންޓެއިނަރު އަހަރަކު ހޭންޑްލް ކުރެ އެވެ.

ޓްރާންޝިޕްމަންޓް ބަނދަރަކަށް ކުރެވުނު މަސައްކަތް

އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމަންޓް ޕޯޓް (އައިހެވަން އިންޓަގްރޭޓެޑް ޕްރޮޖެކްޓް)ގެ މާސްޓާ ޕްލޭން ތައްޔާރުކުރުން ހަވާލުކުރުމުގެ އެއްބަސްވުމުގައި، ސިންގަޕޫރުގެ ސަބާނާ ޖުރޮން ޕްރައިވެޓް ލިމިޓެޑާ އެކު ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ސޮއި ކުރެއްވީ ނޮވެމްބަރު 2، 2016 ގައެވެ.

ގާނޫނު ހަދާ މަޖިލީހުގައި 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ތަރައްގީ ކުރެވޭ އައިހެވެންގެ މާސްޓަޕްލޭންގެ މަސައްކަތް އެ އަހަރުގެ އޭޕްރިލް މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީ)ގެ ދަށުން އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓެއް ތަރައްގީކޮށް 30 އަހަރުގެ މުއްދަތަކަށް ހިންގާނެ ފަރާތެއް ހޯދުމަށް މި ސަރުކާރުން އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ މާޗް 15 ގައެވެ. ކުރިން 2024 ގައި އޮޕެރޭޓް ކުރެވޭނެ ކަމަށް ލަފާ ކުރި މި ޕޯޓްގެ އަމާޒަކީ އަހަރެއްގެ މައްޗަށް 20 ފުޓް ސައިޒުގެ 1.80 މިލިއަން ކޮންޓެއިނަރު ހޭންޑްލް ކުރުމެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ޝިޕް ތަކަށް ހިދުމަތްދެވޭ ގޮތަށް ފަރުމާކުރާ މިޕޯޓް ފުރިހަމަކުރުމަށް 466 މިލިއަން ޔޫއެސް ޑޮލަރު ހޭދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާ ކުރެ އެވެ.

މަޝްރޫއުގެ އީއޯއައި (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހުޅުވާލި މުއްދަތު މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހަށް އޮތީ ހަމަވެފަ އެވެ. އީއޯއައި ތަކާ ގުޅޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނީ އޮނިގަނޑު

ރާއްޖޭގައި ބިޔަ މަޝަރޫއުތައް ހިންގުމަށް ގާނޫނީ ހުރަހެއް ނެތެވެ. ސެޕްޓެމްބަރު 1، 2014 ވަނަ އަހަރު ވުޖޫދު ކުރެވުނު "ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ދިވެހިރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލު ކުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި އާލާކުރުމެވެ. އިންޓަނޭޝަނަލް ކޮންޓެއިނާ ޓްރާންޝިޕްމަންޓް ޕޯޓެއް ބިނާކުރުމުގައި ދިމާވެދާނެ އެންމެހާ ގޮންޖެހުންތަކަށް މިގާނޫނުން ހައްލު ހޯދައިދެ އެވެ.


ރާއްޖޭގެ އިގްތިސާދުގެ ދޮރު އެންމެ ދާއިރާއަކާށް ބަރޯސާ ވުމުގެ ބަދަލުގައި، ރާއްޖޭގައި ކުރެވެން ހުރި އެންމެ ރަގަޅު ކަންތައްތައް ހޯދައި ބަލައި، ފަންނީ މާހިރުންގެ އިރުޝާދާއެކު ދިރާސާކޮށް ނެރެވޭ ނަތީޖާގެ އަލީގައި، ހަރުދަނާ އިގްތިސާދުގެ ވަސީލަތް ބިނާ ކުރުމުގެ ވަގުތު ލަސްވެއްޖެ ކަމަށް ގަބޫލު ކުރެވެ އެވެ.

ވޭތުވެ ދިޔަ ދިގު މާޒީއަށް ބަލާއިރު ދުރު ރާސްތާއަށް އަމާޒުކޮށްގެން ހިންގަން ނިންމާފައި ހުރި އާރުލާ އިގްތިސާދީ ތަރައްގީގެ ބޮޑުމަންޒަރު ފެންނަނީ ފަނޑުކޮންނެވެ. ސިޔާސީ ދެބަަސްވުންތަކަށް ވަގުތު ބޭކާރުނުކޮށް، އިގްތިސޯދީ ފައިދާތަކަށް ބަލައިގެން ކަންކަން ކުރުން އަވަސްކުރަންޖެހެ އެވެ.