ވިޔަފާރި

ފަންނު އެކްސްޕޯ: ރަށު ވާދަވެރިކަމުން އިނާމެއް!

Aug 19, 2019

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްތެރިކަން ތަފާތެވެ. ހުނަރުތައް ވެސް ތަފާތެވެ. ނަމަވެސް މި ހުނަރު ދައްކާލަން ފުރުސަތު ނުލިބޭ އެއް ސަބަބަކީ މިކަމުގައި ވާދަވެރިކަން ނެތުމުންނެވެ. ވާދަކޮށްލެވޭނެ "ޕްލެޓްފޯމެއް" ނުދެއްކޭތީ އެވެ. މިހެންވެ މި ހުނަރުވެރިކަން ތަރައްގީކޮށް، މޮޅެތި އުފެއްދުންތައް ފެންނަލެއް މަދެވެ. ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ، ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު "ފަންނު އެކްސްޕޯ 2019" އިން މިވަނީ މަސައްކަތްތެރިން ވާދަކޮށްލައިގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި މައުރަޒުގެ ވާދަކުރެވޭ ކެޓަގަރީތަކުގައި ރަށު ފެންވަރުގައި ވާދަ ކުރެވިދާނެ އެވެ. ނޫނީ އަތޮޅު ފެންވަރުގައިވެސް ވާދަކޮށްލަންވީ އެވެ. މިއާއެކު ޖެހިގެން އޮތް ރަށާ ވާދަކޮށް އިނާމެއް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ އެވެ.

"ރަށު ފެންވަރުގައި ވާދަކުރަން މިއީ ރަނގަޅު ޕްލެޓްފޯމެއް. މިސާލަކަށް ދަނޑުވެރިކަން ކުރާ ދެ ރަށެއް، ދަނޑުވެރިކަމުގެ ކެޓަގަރީ ވާދަ ކުރެވިދާނެ. މިވާނެ ތަފާތު ވާދަވެރިކަމެއް ފެނިގެންދާނެ ކަމަކަށް،" އިކޮނޮމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރު އަވަސް އަށް ވިދާޅުވި އެވެ.

ވާދަކުރެވޭނެ ބައި ތަކަކީ ކޮބާ؟

މަރުކަޒުގައި 77 ގިންތިއެއް ހިމެނެ އެވެ. މި ގިންތިތަކުގައި އާއްމު ގޮތެއްގައި ރާއްޖޭގައި ކުރާ ހުރިހާ މަސައްކަތެއް ހިމަނާފައިވެ އެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އަތްތެރި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެ އެވެ. އެފަދަ ރަށްރަށުން ލިޔެލާޖެހި ތަކެތި އުފެއްދުމާއި ރާއްޖެ ރަމްޒުކޮށްދޭ ހަނދާނީ ހަދިޔާ (ސުވެނިއަ އުފެއްދުން) ކަނޑައިނެގުން (ކާވިން) ގެ މަސައްކަތާއި ކަސަބުން ތަކެތި އުފެއްދުން އަދި ވިޔުމުގެ މަސައްކަތުގެ އިތުރުން ކުނަލާއި ކުނަލުގެ އުފެއްދުންތައް އުފެއްދުން އަދި އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތަކުގައި ވާދަ ކުރެވިދާނެ އެވެ.

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ހަމައެކަނި ހިމެނެނީ އަތްތެރި މަސައްކަތުގެ މަސައްކަތް އެކަންޏެއް ނޫނެވެ. ކުރިން މިއީ އަތްތެރި މަަސައްކަތުގެ މައުރަޒެއްގެ ގޮތުގައި މަޝްހޫރުވެފައި ވީނަމަވެސް މިހާރު މި މައުރަޒު މިވަނީ "ރީބްރޭންޑް" ކޮށްފަ އެވެ. މި މައުރަޒުގައި މިހާރު ދަނޑުވެރިކަމާއި މަސްވެރިކަން އަދި ދަތުރުފަތުރާއި އިމާރާތްކުރުމުގެ އިތުރުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާ އަދި އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން) އާއި ފެޝަން އެންޑް ޑިޒައިން އަދި ޖުވެލަރީ އެންޑް އެކްސަސަރީޒް އުފެއްދުމާއި ކާބޯތަކެތި އުފެއްދުން އަދި މެޝިނަރީ އެންޑް އިކްއިޕްމަންޓްސް އުފެއްދުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ލަކުޑީގެ އުފެއްދުންތަކުގެ ބަޔާއި ބަހުގެ އުފެއްދުންތައް އަދި އެހެނިހެން ބައިތައް ވެސް ހިމެނެ އެވެ.

މި މައުރަޒުގައި ވާދަކޮށް މަޝްހޫރު ރަށްތައް "ބަލިކޮށް" ލުމުގެ ފުރުސަތު މިއޮތީ ހުޅުވިފަ އެވެ. މިސާލަކަށް ރަނާއި ގަހަނާ އުފައްދަން މަޝްހޫރު ރަށަކާ ވާދަކޮށް، އެ ކަމަށް އެހާ މަޝްހޫރު ނޫން ރަށަކަށް ވެސް ވަނަ އެއް ހޯދިދާނެ އެވެ. ނޫނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާ އިން އެހާ މަޝްހޫރު މީހުން ނެތް ރަށެއްގައި ހުރި ޒުވާނަކަށް ވެސް މި ކެޓަގަރީގައި ވާދަކޮށް މަޝްހޫރު ގިނަ މީހުން ތިބި ރަށެއް ބަލިކޮށް ލެވިދާނެ އެވެ. އެހެންވެ މިއީ ރަނގަޅު ޕްލެޓްފޯމްއެއްގެ ގޮތުގައި ބެލިދާނެ އެވެ. މިކަމުގައި ބޭނުންވަނީ ދުރާލާ ތައްޔާރު ވުމެވެ. މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އިނާމާއެކު އިތުރު އެހީ

އުފެއްދުންތެރި އަކަށް ލިބޭނެ އެންމެ ބޮޑު އިނާމަކީ އެ މީހަކު ތައްޔާރު ކުރާ އެއްޗެއް މާކެޓުކޮށް ފުޅާ ކުރަން ލިބޭނެ ފުރުސަތެވެ. ފަންނު އެކްސްޕޯ އިންތިޒާމުކުރާ އިކޮނޮމިކް މިނިސްޓްރީގެ ފޯކަސް މިހާރު ހުރީ މިގޮތަށެވެ. އެކްސްޕޯގެ ވަނަތަކަށް ދާ ފަރާތްތަކަށް ދޭ އިނާމުތަކުގެ އިތުރުން ޕްރޮޑަކްޓް ވިއްކުން ފުޅާ ކުރަން އެހީވެދޭނެ އެވެ. މިގޮތުން އެންމެ ރަނގަޅު ފަސް ޕްރޮޑަކްޓެއް ހޮވައި، ވިޔަފާރި ފުޅާ ކުރަން އެއް މިލިއަން ރުފިޔާގެ ލޯނެއް ދޭނެ އެވެ.

"އެއާޕޯޓް ޑިއުޓީ ފްރީގައި ހުޅުވާ ފިހާރައެއްގައި ދިވެހި އުފެއްދުންތައް ބަހައްޓަން ފުރުސަތު ލިބޭނެ. އެތަނުގައި ބަހަށްޓާނެ ވަކި އަދަދެއް އަދި ނުނިންމަން. އެކަމަކު އެކަށީގެންވާ ވަރަކަށް އުފައްދާނަމަ ޑިއުޓީ ފްރީ އިން ފުރުސަތު ލިބިގެންދާނެ،" ޒާމިރު ވިދާޅުވި އެވެ.

ފަންނު އެކްސްޕޯ އޮތީ ނޮވެމްބަރު މަހު އެވެ. ދަރުބާރުގެ އާއި ކަލާފާނު ސްކޫލްގައި އޮންނަ މި ފެއާގައި ރަށު ފެންވަރުގައި ވާދަ ކުރަން ތައްޔާރު ވާން ވީ އެވެ. މި މައުރަޒުގެ ސަބަބުން ލިބޭ އިނާމުތަކުގެ އިތުރުން އުފެއްދުންތެރިކަން އެހެން ހަރުފަތަކަށް ގެންދަންވެސް މަގު ފަހިވެގެންދާނެ އެވެ.