ވިޔަފާރި

ފަންނު އެކްސްޕޯ ހުޅުއްވައި ދެއްވައިިފި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު- ފަންނު އެކްސްޕޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިފި ދެއްވައިިފި އެވެ.

ދަރުބާރުގޭ އާއި ކުޑަކުދިންގެ ބަގީޗާ އަދި ކަލާފާނު ސްކޫލުގައި މިމަހުގެ 21 އިން 28 ގެ ނިޔަލަށް ކުރިއަށްދާ ފަންނު އެކްސްޕޯ ހުޅުވައި ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނަކީ ކުރިން ރާއްޖޭގައި ބޭއްވި މައުރަޒުތައް ވެސް ފެނުމުގެ ނަސީބު ލިބި ވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ މި އަހަރުގެ ފެންނު އެކްސްޕޯއިން ވެސް ދިވެހި ގައުމިއްޔަތާއި ސަގާފަތާއި ދިވެހިވަންތަކަން ރަމްޒުކޮށްދޭ ‏ދިވެހި އަމިއްލަ އުފެއްދުންތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ދިވެހި އަދަބިއްޔާތާއި ދިވެހި ބަހާ އެކުގައި، ކާބަފައިން އަޅުގަނޑުމެންނަށް ދޫކުރި އެންމެ އަގުބޮޑު ތަރިކައަކީ، އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ ދާއިރާއިން، އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ހުނަރުވެރިކަން. އެތައް ޖީލެއް ކަޑައްތުކޮށް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ، އެވޭލާ ދިވެހި ކޮންމެ އުފެއްދުމަކީ، އޭގައި ޚާއްޞަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިފައިވާ އުފެއްދުމެއް،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިފަދަ މައުރަޒުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މަސައްކަތްތެރީންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކޮށް، ވާދަވެރި މާއައުލެއްގެ ތެރެއިން ފުރުސަތު ފަހިކޮށްދިނުން ކަމަށާ ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

"ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިގްތިސާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން ފާހަގަކުރެވޭ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް އަދި މާގިނަ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރީގެ 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިގްތިސާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން ފާހަގަކުރެވޭ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް އަދި މާގިނަ
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެސްއެމްއީ ބޭންކު ހުޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބަ އޮތް. އޭގެތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުން އަންނަ އަހަރު 450 މިލިއަން ރުފިޔާގެ ލޯނު ދެނީ

އެމަނިކުފާނު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަގީގަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާ ކަމަށާ، އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިގްތިސާދީ ދާއިރާގެ ތަރައްގީގެ ތެރެއިން ޖާގަ ހޯދައިދޭން ޖެހޭ ކަމަށެވެ.

"މި ދެންނެވި މަސައްކަތުގެ ތެރެއިން، މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި އެސް.އެމް.އީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިގްތިސާދުން ވަރަށް އަވަހަށް ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ފަންނު އެކްސްޕޯގައި ހަ ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން 30،000 ދިވެހި އުފެއްދުން ބައިވެރިކޮށްފައިވެ އެވެ. ރޭ ވަނީ ފަންނު އެކްސްޕޯގެ ވާދަކުރުމުގެ ބައިން ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްފަ އެވެ. އިނާމުތައް ދެއްވީ ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ދައުލަތުވެ ވަޒީރުންނެވެ. ފަންނު އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 16:00 އިން 23:00 އަށެވެ. އަދި އެހެން ދުވަސް ދުވަހުގެ 14:00 އިން 23:00 އަށެވެ.