ވިޔަފާރި

ފަންނު އެކްސްޕޯގައި 420 އަށްވުރެ ގިނަ ބައިވެރިން

Nov 19, 2019
3

ފަންނު އެކްސްޕޯގައި 420 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ފަންނު އެކްސްޕޯގައި ބުރާސްފަތި ދުވަހު ފަށާއިރު، 420 ބައިވެރިން ހިމެނޭ ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ބަލައިގަތް އެއްޗިހި ޖަޖު ކުރުމުގެ މަސައްކަތް. މި މަސައްކަތް ކުރިއަށް ދަނީ ދަރުބާރު ގޭގައި،" އޮފިޝަލް ވިދާޅުވި އެވެ.

ފަންނު އެކްސްޕޯ އޮންނާނީ މިމަހުގެ 21 އިން 28 އަށް ދަރުބާރުގެ އާއި ކުޑަކުދިންގެ ޕާކު އަދި ކަލާފާނު ސްކޫލްގަ އެވެ.

ދިވެހި އުފެއްދުންތެރި ކަމުގެ މައުރަަޒު ނުވަތަ ފަންނު އެކްސްޕޯއަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އުފެއްދުންތަކަށް މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދޭން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް މައުރަޒެވެ.

މި އެކްސްޕޯގައި ތަފާތު 78 ކެޓަގަރީއަކުން 600 އަށްވުރެ ގިނަ ވަނަ ހޮވާނެ އެވެ. އެގޮތުން، އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.