ވިޔަފާރި

ކްރޮސްރޯޑުގެ ވެރިން ފަންނު އެކްސްޕޯއަށް

Nov 28, 2019

ކްރޮސްރޯޑުގެ އިސް ވެރިން، ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ފަންނު އެކްސްޕޯ ބައްލަވާލައްވައިފި އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު (ފަންނު އެކްސްޕޯ) ގެ ނަމުގައި ކުރިއަށްދާ މި މައުރަޒަށް އިއްޔެ ހަވީރު ވަނީ އެނބޫދު ފަޅުގައި ރިސޯޓު ހިންގާ، ތައިލެންޑުގެ ސިންހަ ކުންފުނީގެ އިސްވެރިން ޒިޔާރަތް ކުރެއްވާފަ އެވެ. މި އެކްސްޕޯގެ އެންމެ މުހިންމު އެއް ސްޕޮންސަރަކީ ވެސް ކްރޮސްރޯޑް މޯލްޑިވްސް އެވެ.

މި ޒިޔާރާތުގައި ވާހަކަ ދައްކަވަމުން، ކްރޮސްރޯޑް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ތީޓީ ވިދާޅުވީ އެ ކުންފުނިން ދިވެހި އުފެއްދުންތެރިކަމާއި ދިވެހިންގެ މަސައްކަތް ކުރިއަރުވަން އެހީތެރިވެދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ [ކްރޮސްރޯޑް މޯލްޑިވްސް] ގައި ހުރޭ ކަލްޗަރަލް ސެންޓަރެއް. އެ ސެންޓަރަށް ބޭނުންވާނެ އަތްތެރި މަސައްކަތުގެ ތަކެތި. އެ ތަކެތި ގެސްޓުންނަަށް ދޭން. މިތަނުން ވަރަށް ގިނަ ދިވެހި އުފެއްދުންތައް ފެނިއްޖެ. އެހެންވެ، ދިވެހިން އުފައްދާ ތަކެތި އަޅުގަނޑުމެން ވެސް ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

ފަންނު އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި އެކްސްޕޯގައި ދިވެހިންގެ އަތްތެރި މަސައްކަތުގެ ގިނަ ބާވަތްތަކެއް ދައްކާލަން ބަހައްޓާފައިވެ އެވެ.