މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އީ-ޓުކުރި: ފަންނުވެރިންނަށް ހާއްސަ

މިހާރު ކުރިއަށްދާ ފަންނު އެކްސްޕޯގައި އަތްތެރި މަސައްކަތް ތަކުން ފެށިގެން ތަފާތު އެކި މަސައްކަތާއި، ކާބޯތަކެއްޗާއި، ރީތިވުމަށް ބޭނުންވާ ސާމާނާއި ތަފާތު އުފެއްދުންތައް ހިމަނާފައި ވެއެވެ.

މި ފަންނުވެރިންގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ، މާކެޓް ކުރެވޭނެ ގޮތެއް ނެތުމެވެ. ގިނަ ވަގުތާއި ބޮޑު ހޭދައެއް ކޮށްގެން ކުރާ މި މަސައްކަތުން އެއްވެސް މަންފާއެއް ނުލިބި ވިއްކޭނެ ގޮތެއް ނެތުމަކީ ފަންނުވެރިންގެ ކަންބޮޑުވުމެކެވެ.

ނަމަވެސް މިފަހަރު ފަންނު އެކްސްޕޯއިން ފަންނުވެރިންނަށް އުއްމީދީ ހަބަރުތަކެއް ދިނެވެ. އުފެއްދުންތައް މާކެޓް ކުރަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައާރަފު ކުރި އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ފަންނުވެރިންގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ދިން އެހީގެ ހިދުމަތެކެވެ.

އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަން އެކެވެ.

މި ޕްލެޓްފޯމަށް ވަންނަން ބޭނުންވާ ފަރާތްތަކަތް ރެޖިސްޓްރީވުމުން ފެށިގެން މުދާ އަޕްލޯޑު ކުރުމާއި އިޝްތިހާރު ކުރުމުގަ ވެސް އީ-ޓުކުރި ޓީމްގެ އެހީތެރިކަން ދެ އެވެ. ޕޯސްޓް އޮފީހުން ބުނި ގޮތުގައިި މި ޕްލެޓްފޯމަކީ ގާނޫނީ ގޮތުން ރަޖިސްޓަރީވެފައިވާ ކުދި ބޮޑު ހުރިހާ ވިޔަފާރިތަކާއި ކޯޕަރޭޓިވްސްތަކަށް ހިލޭ ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

އީ-ޓުކުރި ޕްލެޓްފޯމަކީ އޮންލައިން ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ މައިގަޑު ކޮމްޕޯނަންޓްތައް ހިމަނައިގެންކަމަށް ވާތީ، ބޮޑު އޮޕަރޭޝަނަލް ކޮސްޓަކާ ނުލައި މި ޕްލެޓްފޯމުގައި މުދާ ވިއްކައި، އިންވެންޓްރީ މެނޭޖްކޮށް، އިޝްތިހާރުކުރުމުގެ އިތުރުން މުދާ ޓްރާންސްޕޯޓު ކުރުމާއި ޑިސްޓްރިބިއުޝަންގެ ހުރިހާ ހިދުމަތްތައް ވެސް ދެ އެވެ.

އަދި މި ޕްލެޓްފޯމްގައި ގާއިމްކުރެވިފައިވާ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ކުރާ ވިޔަފާރި މުއާމަލާތްތަކަށް ރިއަލް-ޓައިމްގައި ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބެ އެވެ. މީގެ އިތުރުން، 'ވެސަލް މެނޭޖްމަންޓް ސިސްޓަމް'ގެ ދަށުން ވިޔަފާރި މުއާމަލާތްތަކުން އުފައްދާ މުދާ ކަނޑުމަގުން ޓްރާންސްޕޯޓު ކުރުމުގެ ފުރުސަތު ދެ އެވެ. މި ނިޒާމުގެ ތެރެއަށް ވަންނަ އުޅަދުފަހަރު މެދުވެރިކޮށް ރާއްޖޭގެ އަތޮޅު ތަކަށް މުދާ އުފުލުމާއި ޑެލިވަރީ އާއި ޕްރޮޑަކްޓް ޓްރެކިންގެ ހިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެ އެވެ.