ރާއްޖެ އަށް އެތެރެ ކުރާ މުދަލުގެ ލިޔުންތައް ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތަށް ބޭނުންކުރާ ކަސްޓަމްސްގެ އޮންލައިން ސިސްޓަމް އަސިކުޑާ ސާވާ އަށް މައްސަލަ ދިމާވެ ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އަވަސް އަށް މިއަދު ވާހަކަ ދެއްކި ވިޔަފާރިވެރިއެއް ބުނި ގޮތުގައި ކަސްޓަމްސްގެ ސިސްޓަމްގައި މައްސަލަ ޖެހި މުދާ ކްލިއަ ނުކުރެވި ދަތިވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުދާ ނެރުން ލަސްވެ މުދަލަށް ޑެމަރޭޖު އަރަމުންދާ ކަމަށެވެ. މިކަމުގެ ޝަކުވާ ވިޔަފާރިވެރިން ކަސްޓަމަށް އުފުލަމުންދާއިރު މި މައްސަލައިގެ މައުލޫމާތު ހިއްސާ ކުރަން ކުންފުނިން ތަކުން ވަނީ ވައިބާ ގްރޫޕެއް ވެސް ހަދާފަ އެވެ. އެ ގްރޫޕުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ މިކަމުގެ ޝަކުވާ ކުރަމުންނެވެ.
"އެއްވެސް ފޯމެއް މިހާރު [އަސިކުޑާ] އަށް އަޕްލޯޑެއް ނުވޭ. އަބަދު ހުންނަނީ އެރާ އަރާފަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
މުދާ ނުނެރެވި ޑެމަރޭޖު އަރަނީ
އެހެން ކުންފުންޏަކުން ވާހަކަ ދެއްކި އެޖެންޓު ކުންފުންޏަކުން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި އާއްމުކޮށް ކުންފުންޏަކުން ދުވާލަކު 30 އާއި 40 ފޯމް މި ސިސްޓަމަށް އަޕްލޯޑު ކުރިނަމަވެސް މިހާރު ދުވާލަކު އަޕްލޯޑް ކުރެވެނީ އެންމެ ތިން ފޯމެވެ.
"އެއާ ފްރައިޓުކޮށް މުދާ މި ގެންނަނީ އަވަސް ކުރަން. މުދާ ގެނެސް އެބަ ލިބޭ ތިން ދުވަސް. އެކަމަކު މިހާރުވާ ގޮތުން ތިން ދުވަހުން މުދަލެއް ނުނެރެވޭ،"
އަސިކުޑާ އަށް "މައްސަލަ" ދިމާވެ ފޯމް އަޕްލޯޑް ނުކުރެވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު މިކަމުގެ ސަބަބުން މުދާ ނެރުން ލަސްވެ ޑަމަރޭޖުގެ ގޮތުގައި ޝިޕްމަންޓަކަށް 9،000ރ. ވަރު ދައްކަން މިހާރުވެސް ބައެއް ވިޔަފާރިވެރިން ދަނީ ދައްކަމުންނެވެ.
"ކަސްޓަމްސްގެ ސިސްޓަމްގައި މައްސަލަ އުޅުނަސް އެމްޕީއެލް އިން ނަގާ އެއްޗެއް ހަމަ ނަގާނެ. ޑެމަރޭޖު އެބަ އަރުވާލާ ކިލޯއަކަށް 2.3 ޕަސެންޓު ވަރު. އެއްފަހަރާ 1،000 ނޫނީ 2،000 ކިލޯގެ މުދާ ގެންނައިރު މިކަމުގެ ސަބަބުން ކުރިމަތިލާ ދަތިތައް ވަރަށް ބޮޑު،" އެހެން އެޖެންޓު ކުންފުންޏަކުން ބުންޏެވެ.
މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަނީ
އަސިކުޑާ ސިސްޓަމަށް ކުރިމަތިވަމުންދާ މައްސަލައާ ބެހޭ ގޮތުން ކަސްޓަމްސްގެ މީޑިއާ އެންޑް ޕަބްލިކް ޕަލިކްރިލޭޝަންސްގެ ސެކްޝަން ހެޑް ފާތިމަތު ޝިފާޒާ ވިދާޅުވީ މިހާރު ދިމާވަމުންދާ މައްސަލަ ހައްލު ކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ހައްލު ކުރެވޭނެ ސީދާ ދުވަހެއް ބުނަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރުން މީހުން ގެނެސްގެން ވެސް މިދަނީ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން،" ޝިފާޒާ ވިދާޅުވި އެވެ.