ބަންކަރިން ހިދުމަތް

ބަންކަރިންގެ ހިދުމަތާއެކު އިހަވަންދިއްޕޮޮޅަށް އިންގިލާބީ ބަދަލެއް ގެނެވޭނެ: ވަޖީހު

ބަންކަރިންގެ ހިދުމަތުގެ ދަވަނަ ފިޔަވަހީގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ފަށާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެެ އެވެ.

ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށްފަހު އިހަވަންދިއްޕޮޅުގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ހއ. ހޯރަފުށިފަޅު ހިއްކައިގެން އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރަން ނިންމާފައިވެ އެވެ. އަދި އިހަވަންދިއްޕޮޅުގައި ކްރޫޒް ޓާމިނަލެއް ގާއިމުކުރުމަށް ނިންމާފައިވެ އެވެ.

ވަޖީހު ވިދާޅުވީ އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތައް ދަތުރުކުރާ ރަށަކަށްވާތީ ޔޮޓު މެރީނާ ހަދާނީ އުލިގަމުގައި ކަމަށާއި އެ މަޝްރޫއަށް ހަ ފަރާތަކުން ޝައުގު ވެރިކަން ފަޅުކޮށްފައިވާ ކަމަށެވެ. އިހަވަންދިއްޕޮޅު ސަރަހައްދު ބޮޑެތި ކާގޯ ބޯޓުތައް ދަތުރުކުރަމުންދާތީ އެ ސަރަހައްދުގައި ކާގޯގެ ހިދުމަތަކީ ވެސް މުހިއްމު ހިދުމަތެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުގައި ބިޒްނަސް ސެންޓަރެއްވެސް ގާއިމުކުރާނަން. އަދި ވިޔަފާރީގެ އުސޫލުން ޝައުގުވެރިވާ ފަރާތް ތަކަށް އެތަންތަން ކުއްޔަށްވެސް ދޭނަން،" ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ހިދުމަތް މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. ހިދުމަތް ފެށުމުން އެމްޕީއެލް އިން މެރިޓައިމްގެ 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެތެރޭގައި ޕައިލެޓޭޖާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި މެއިންޓަނަންސް ހިދުމަތް އަދި ޓަގް ހިދުމަތް ކަހަލަ ހިދުމަތްތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މި މަޝްރޫއަކީ އިހަވަންދިއްޕޮޅަށް ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެނެސް ދޭނެ މަޝްރޫއެއް،" ވަޖީހު ވިދާޅުވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ މިހާރު ހިމަނާފައިވާއިރު ރާއްޖެ އޮންނަ ސަރަޙައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ.