ކުޅިވަރު

އިންޑިއާގެ ވަރުގަދަ ދެ ކުލަބާއެކު ޓީސީ ކަމާލް ކަޕަށް

އިންޑިއާގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި ސިޓީ ކަލްކާތާގެ ދެ ކުލަބު ކަމަށްވާ، މޯހަންބަގާން އާއި ކަލްކަތާ މުހައްމަދާން އެފްސީ އާއެކު، ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބު ބަންގުލަދޭޝްގެ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި ވާދަ ކުރަން ތައްޔާރުވެއްޖެ އެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ، ކަމާލް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނަކީވެސް ޓީސީ އެވެ. އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ކަލްކަތާގެ މޯހަންބަގާން އާއި މުހައްމަދާން އެފްސީ ބައިވެރިވާނެ ކަމުގެ ކޮންފޮމޭޝަން ދީފައިވާ ކަމަށް ބަންގްލަދޭޝް މީޑިއާއިން ބުނެ އެވެ.

ޓީސީން ވަނީ މުބާރާތުގައި ބައިވެރިވާނެ ކަމަށް މިދިޔަ ހަފުތާގައި އަންގާފަ އެވެ. ބަންގްލަދޭޝްގެ ޗިޓޮގޮންގްގައި ބާއްވާ މުބާރާތުގައި، ބަންގުލަދޭޝް ތިން ކުލަބު މުބާރާތުގައި ބައިވެރިވާނެ އެވެ. އެއީ މުބާރާތް ބާއްވާ ސިޓީއަށް ނިސްބަތްވާ، ޗިޓޮގޮންގް އަބަހާނީ އާއި، ބަންގްލަދޭޝްގެ އެންމެ ފަހުގެ ޗެމްޕިއަން ބޮޝުންދަރާ ކިންގްސްގެ އިތުރުން، ބަންގްލަދޭޝް ލީގް ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޑާކާ އަބަހާނީ އެވެ.

ކަލްކަތާއަށް ނިސްބަތްވާ، އީސްޓް ބެންގާލްވެސް މުބާރާތުގައި ވާދަ ކުރާނެ ކަމަށް އަނގަބަހުން ބުނެފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ. އަދި މިގެ އިތުރުން ތައިލެންޑްގެ ބެންކޮކް ޔުނައިޓަޑަށްވެސް މުބާރާތުގެ ދައުވަތު ފޮނުވާފައި ވާ ކަމަށް މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވި އެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 18 އިން 30 އަށެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ޓީސީން ހޯދީ ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަންގެ ކުލަބު ޕޮޗެއޮން އެފްސީ ބަލި ކުރުމަށް ފަހު އެވެ.