ވަޒީފާއިން ވަކިކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ބުނެ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރާ ފުވައްމުލަކު ނުވަ މުވައްޒަފަކު ނޯޓިސް ދިނުމާއި ކުޑަހުވަދޫއިން 18 މުވައްޒަފަކު ނޯޓިސް ދިން ހަަބަރަކަށް ރައްދު ދެއްވަ އެވެ.
އެ ހަބަރުގައި ބުނެފަައިވާ ގޮތުން ކުޑަހުވަދޫ އިން 18 މުވައްޒަފަކަށް އެއް މަސް ދުވަހުގެ ނޯޓިސް ދީފަވެ އެވެ. އަދި ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރާ ފުވައްމުލަކު ނުވަ މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ނޯޓިސް ދީފަވާ ކަމަށެވެ.
އެ ކަމަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއު ތަކުގެ ތެރެއިން އެންމެ ގިނައިން މި ސަރުކާރުން މުވައްޒަފުން ވަކި ކުރަނީ މަގު ހެދުމުގެ މަޝްރޫއު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނިކަމެތިކަން ލިބެނީ އެ މުވައްޒަފުންގެ އިތުރުން އެމީހުންގެ އާއިލާ ތަކަށް ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު ރައީސް އަބުދުﷲ ޔާމީން ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ ޝަކުވާތަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވަނީ 400 އަށް ވުރެ ގިނަ މީހުން މައްސަލަ ހުށަހަޅާފައި އެވެ.