ރިސޯޓު ހަދަން ދޫކުރުމުން ނުހެދި އޮތް 70 ރަށެއްގެ ތެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކޮށް ދޭން އެދިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މުއްދަތު އިތުރު ކުރަން ފުރުސަތަކަށް ހުޅުވާލުމުން 21 ރަށެއްގެ މުއްދަތު އިތުރު ކޮށްދޭން އެދިފައިވާ ކަމަށެވެ. އެ ޕްރޮސެސް މިހާރު ކުރިއަށް ދާ ކަމަށެވެ.
ސަރުކާރުން ވަނީ ނުހެދި ހުރި ރަށްތައް ހަދަން އިތުރު މުއްދަތު ދޭން ނިންމާފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން ޕީރިއަޑް (ސީޕީ) އާ ބެހޭ ގޮތުން ގަވާއިދެއް ހަދައި މުއްދަތު އިތުރު ކުރަން އެދުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަލަށް ހެދި ގަވާއިދުގެ ދަށުން، ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ފައިސާ ޓޫރިޒަމް މިނިސްޓަރު ބޭނުން ތަނަކަށް ހޭދަ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައި ވެއެވެ. އާ ގަވާއިދުގައިވާ ގޮތުން ފައިސާ ބަލައި ގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އަދި އެ ފައިސާ ހޭދަ ކުރާނީ އެ ރަށެއް ހިމެނޭ އަތޮޅުގެ ރަށް ތަކަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ޓޫރިޒަމްގެ 140 މަޝްރޫއެއް ކުރިއަށް އެބަދެ އެވެ.