ޓިއުނީސިއާ

ޓިއުނީޝިއާގެ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފި

މި އަހަރުގެ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު ބާއްވާ ޓިއުނީޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ނަބީލް ކަރޯއި ހައްޔަރުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެންމެ ނުފޫޒު ގަދަ ކެންޑިޑޭޓް ގޮތުގައި ފާހަގަވެފައިވާ ނަބީލް ހައްޔަރު ކޮށްފައި ވަނީ ޖުލައި މަހު ކުރީކޮޅުގައި މަނީ ލޯންޑު ކުރުމުގެ ކުށް ހިންގި ކަމަށް ބުނެ އެވެ. ނަމަވެސް ނަބީލް ނިސްބަތްވާ ގަލްބް ޓޫނުސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފަ ވަނީ، ނަބީލް ހައްުޔަރުކޮށްފައި ވަނީ ސިޔާސީ މަގްސަދެއް ހާސިލު ކުރަން ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"ފަނަރަ ވަރަކަށް ފުލުހުން ވަނީ ނަބީލް ދަތުރު ކުރަމުން ދިޔަ ކާރު ހުއްޓުވުމަށް ކުރި މައްޗަށް އަރައިފަ، އެއަށްފަހު ކުލަ ހެދުމުގައި ހުރި ފުލުހަކު ވިދާޅުވީ، ނަބީލް ކައިރީގައި ކިޔަމަންތެރިކަމާއެކު އެމީހުނާއެކު ދާން، އަދި ކޯޓު އަމުރެއް އޮތް ވާހަކަ ވެސް ވިދާޅުވި" ގަލްބް ޓޫނުސް ޕާޓީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަބީލް ހައްޔަރު ކޮށްފައި ވާކަން އަދި އެ ގައުމުގެ އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެކަން ހާމަކުރީ ނަބީލްގެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ނެސްމާ ޓިވީ ޗެނަލުންނެވެ. އެއަށްފަހު ހަމަ ނަބީލްގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ މޮސާކިޔު އެފްއެމް އިން ބުނީ، އެމީހުނަށް ނަބީލް އާއި އޭނާގެ ބޭބެ މަނީ ލޯންޑުކުރި ކަމުގެ މައްސަލައިގައި ހައްުޔަރުކުރަން ނެރުނު ކޯޓު އަމަރުގެ ކޮޕީއެއް ލިބިފައިވާ ކަމަަށެވެ.

ނަބީލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ޓިއުނީޝިއާގެ ރައީސް ބޭޖީ ކޭޑް އެސެބާއި އަވަހާރަވުމާ ގުޅިގެންނެވެ. ނަބީލް މަޝްހޫރުވެ ވަޑައިގެންފައި ވަނީ ސިޔާސީ ބޭފުޅަކަށްވުރެ މީޑިއާ ބޭފުޅެއްގެ ގޮތުގަ އެވެ.