ޓިއުނީޝިއާގައި ހީނަރުވެފައި އޮތް އިގްތިސާދީ ހާލަތަށް ސަރުކާރު ޒިންމާކުރުވުމަށް ގޮވާލައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ޝުއޫރުފާޅުކޮށްފި އެވެ.
ޝުއޫރުފާޅުކުރި މީހުން ބުނި ގޮތުން ގައުމުގެ ހާލަތު ގަބޫލުކުރަން ދަތި ހާލަތަށް ވެއްޓިފައި ވަނީ ސިޔާސީ ގޮތުން ގައުމުގައި ހަމަޖެހުން ނެތުމުންނެވެ.
ޓިއުނީޝިއާގެ މަޖިލީސް އުވާލާއި ރައީސް ގައީސް ސައީދު ހުރިހާ ބާރެއް ނެންގެވި ހިސާބުން ގައުމުގެ މަސްލަހަތު އަރިއަޅާލައި މިހާލަތަށް ވެއްޓުނީ ކަމަށް މަގުތަކަށް ނުކުތް މީހުން ބުނެ އެވެ.
ޓިއުނީޝިއާގައި ސިޔާސީ މަޝްރަހު ކިލަނބުވެ ކޯޅުން ބޮޑުވެފައި އޮންނަތާ މިހާރު ދެ އަހަރު ވަނީ އެވެ.
ގައުމުގެ މަސްލަހަތު ރަނގަޅުކުރަން ސަރުކާރުން ބޭނުންވާ ނަމަ، އާންމުން ފާޅުކުރާ ޚިޔާލުން ދަރުސް ލިބިގަތުން މުހިންމު ކަމަށް މުޒާހަރާ ކުރާ މީހުން ވަނީ ބުނެފަ އެވެ. ގައުމުގައި މައްސަލަތަކެއް އުޅޭކަން އާންމުންނަށް އެނގޭއިރު -- މިކަން އޮންނަން ވާނީ މާކުރިން ސަރުކާރަށް އެނގިފައި ކަމަށްވެސް އާންމުން ބުނެ އެވެ.
މުޒާހަރާކުރާ މީހުން ބުނީ މަގުތަކަށް ނުކުތުމުގެ ބޭނުމަކީ ސަރުކާރަށް ޖެއްސުންކޮށް ގައުމުގައި ނުތަނަވަސްކަން އުފެއްދުން ނޫން ކަމަށެވެ. ސަރުކާރުން ހިންގަން ތިބި ވެރިންނަށް އަނިޔާކޮށް ބޭއަދަބީ ބަސްތަކުން މުޚާތަބު ނުކުރުމަށް ވެސް މުޒަހަރާކުރާ މީހުން ވަނީ ގޮވާލާފަ އެވެ.
ގައުމަށް ބޭނުންވާ ހަމަޖެހުން ގެންނަން ވާނީ ލޭއޮހޮރުވުމެއް ނެތި ސިޔާސީ މަޝްވަރާއިން ކަމަށް ވެސް މުޒާހަރާވެރިން ބުނެ އެވެ. އެ ނޫން ގޮތެއްގައި ހިންގާ ހަރުކަށި ހަރަކާތެއްގައި އާންުމުން ބައިވެރި ނުވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.