ޓިއުނީސިއާ

ރައީސް ސައީދު: ޓިއުނީޝިއާގެ އާ މިސްރާބު

ޓިއުނީޝިއާގެ އަށްވަނަ ރައީސް ކަމުގެ މަގާމަށް ޤައިސް ސައީދު ވަޑައިގެންނެވީ ބޮޑު އައުލަބިއްޔަތެއްގެ ތާއީދާއެކު އޮކްޓޯބަރު 14، 2019 ގައެވެ.

ޓިއުނީޝިއާ އަށް ފްރާންސްގެ ދަށުން މިނިވަކަން ލިބުނުތާ ދެ އަހަރު ފަހުން ޤައިސް ސައިދު އުފަންވެވަޑައިގެންފައިވަނީ ފެބްރުއަރީ 22، 1958 ގައެވެ.

ތޫނިސްގެ ސާދިގީ ކޮލެޖުން މަތީ ސާނަވީ ތައުލީމް ހާސިލް ކުރެއްވުމަށްފަހު ބެޗެލާ އޮފް އާޓްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ 1980 ގައި ތޫނިސް ޔުނިވާސިޓީ ގައެވެ. އަދި ބެޗެލާ އޮފް ލޯ ހައްދަވާފައިވަނީ އިޓަލީގެ ސެންރީމޯގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ހިއުމެނިޓޭރިއަން ލޯ ގައެވެ.

ސައީދު ވެރިކަމަށް ވަޑައިގަތްއިރު އެއީ ޓިއުނީޝިއާގައި މަގުބޫލު ފަނޑިޔާރެއްގެ އިތުރުން އިހުތިރާމް ހޯއްދަވާފައިވާ ގާނޫނީ ދާއިރާގެ ޕްރޮފެސަރެކެވެ.

ޓިއުނީޝިއަން އެސޯސިއޭޝަން އޮފް ކޮންސްޓިޓިއުޝަނަލް ލޯގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު 1990 އިން 1994 އަށް ސައީދު އަދާކުރެއްވި އެވެ. އޭގެފަހުން ސޫސް ޔުނިވާސިޓީގެ ލޯ ޑިޕާޓްމަންޓްގެ ޑީން ކަމުގެ މަގާމު 1999އާ ޖެހެންދެން އަދާކުރެއްވި އެވެ. އަދި ޔުނިވާސިޓީ އޮފް ކާތާޖްގެ ސޯޝަލް ސައިންސަސް ޑިޕާޓްމަންޓްގެ ފެކަލްޓީ މެންބަރުކަން ސައީދު ވަނީ ކުރައްވާފަ އެވެ.

ޓިއުނީޝިއާ އިން 2011 ގައި ފެއްޓުނު އަރަބް ސްޕްރިންގް ނުވަތަ ޖޭޒްމިން ރިވޮލިއުޝަނަށްފަހު ޓީއުނީޝިއާގެ ރައްޔިތުން ޑިމޮކްރަސީއަށް އުއްމީދު ކުރިވަރުގެ ބަދަލެއް ގެނެވިފައި ނުވުމުން ސައީދު ރައީސް ކަމަށް ވަޑައިގެންފައިވަނީ އައު އުއްމީދުތަކާއެކު ޒުވާނުންގެ ބޮޑު ތާއީދެއް ހޯއްދަވައިގެންނެވެ.

ޓިއުނީޝިއާގައި އަންހެނުންނާއި ފިރިހެނުންނަށް ވާރުތަ މުދާ ހަމަހަމަ ކޮށް ލިބިދިނުމަށް ވައުދުވެވަޑައިގެން އަދި މަރަށް މަރު ހިފުމަށާއި އެއްޖިންސުގެ ގުޅުމަށް ފާޅުގައި ސައީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށާއި އިންތިހާބީ ނިޒާމު ރަނގަޅު ކުރުމުގެ ވައުދުވެސް ސައީދު ވަނީ ވެވަޑައިގެންފަ އެވެ.

ޓިއުނީޝިއާގެ ރިޔާސީ އިންތިހާބު ބޭއްވިތާ ތިން ހަފްތާ ފަހުން ޕާލިމަންޓްރީ އިންތިހާބު ވަނީ ބާއްވާފަ އެވެ. އަދި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދި އައްނަހުދާ ޕާޓީއާއި ސަރުކާރެއް އެކުލަވާލުމަށް ރައީސް ސައީދު ހަވާލު ކުރެއްވި އެވެ. އެތަކެއް ދެބަސްވުމަށްފަހު ދުވަސްކޮޅަކަށް ސަރުކާރެއް އެކުލަވާލެވުނަސް ހަމަނުޖެހުން ބޮޑުވެ ސައީދު ވަނީ 2021 ގައި ޕާލިމަންޓު އުވާލައްވާފަ އެވެ. އަދި ސިޔާސީ މައިދާނުގައި ކޯޅުން ބޮޑުވެ ސިޔާސީ ހަމަނުޖެހުމަކަށް ޓިއުނީޝިއާ ވަނީ ވެއްޓިފަ އެވެ.

ކޮވިޑުގެ އާލަމީ ވަބާއާއި އިގްތިސޯދީ ބަލިމަޑުކަންވެރިވެ ރައްޔިތުން ދަތިހާލުގައި ޖެހިފައިވުމުގެ ސަބަބުން ޓިއުނީޝިއާގައި ވަނީ ސިޔާސީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އިގްތިސޯދު ރަނގަޅު ކުރެވޭތޯ އާއި ސިޔާސީ ހަމަޖެހުން ގެނެވޭތޯ ގާނޫނުއަސާސީ ބދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު މިދިޔަ އަހަރު ޖުލައި މަހު ސައީދު ވަނީ ނަންގަވާފަ އެވެ. އަދި އެތަކެއް އިސްލާހީ ބަދަލުތަކަށްފަހު އަނެއްކާވެސް ޕާލިމަންޓުގެ ތިރީގޭގެ އިންތިހާބު މިދިޔަ ޑިސެމްބަރު މަހު ބާއްވާފައިވެ އެވެ. ނަމަވެސް ވޯޓްލާން ނިކުތް ނިސްބަތް މަދުކަމާ ހެދި އެތަކެއް ގޮންޖެހުމެއް ސަރުކާރަށް ވަނީ ކުރިމަތިވެފަ އެވެ.

ޓިއުނީޝިއާގެ ސިޔާސީ އިގްތިސޯދީ އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދޭތޯ ރައީސް ސައީދު ކުރައްވާ މަސައްކަތްޕުޅަށް ޓިއުނީޝިއާ ރައްޔިތުންގެ ކެތްތެރިކަން ބޭނުންވާކަމީ މިވަގުތަށް ސާފު މަންޒަރެކެވެ.