ވިޔަފާރި

ފަންނު އެކްސްޕޯއަށް ބ. އަތޮޅު ތައްޔާރުވަނީ

Aug 26, 2019
1

ފަންނު އެކްސްޕޯ އަށް ބ. އަތޮޅުން ތައްޔާރުވާން ފަށާފައިވާ ކަމަށާއި މި މައުރަޒުގައި އެ އަތޮޅުގެ ހުނަރު ފެނިގެންދާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން ޝިމްހާދު ވިދާޅުވީ އަތްތެރި މަސައްކަތަށް މަޝްހޫރު އެ އަތޮޅުން ފަންނު އެކްސްޕޯއަށް ތައްޔާރު ވަމުން އަންނަ ކަމަށާއި ފަންނު އެކްސްޕޯގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

"ބ. އަތޮޅަކީ ތަފާތު މަސައްކަތް ތަކެއް ކުރާ އަތޮޅެއް. އެހެންވެ މި އަތޮޅުން ފަންނު އެކްސްޕޯގައި މި ބަލަނީ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް،" ޝިމްހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަތޮޅުން ފަންނު އެކްސްޕޯގައި އެކި ރަށްރަށުން ބައިވެރިވާނެ ކަމަށާ ހަމައެކަނި ބައިވެރި ކުރާނީ އަތްތެރި މަސައްކަތުގެ އުފެއްދުންތައް އެކަނި ނޫން ކަމަށެވެ.

"މި އަތޮޅުގައި ހަމައެކަނި ތިބީ އަތްތެރި މަސައްކަތް ކުރާ ފަރާތްތައް އެކަންޏެއް ނޫން. ކާނާގެ ތަފާތު ބާވަތްތައް އުފައްދާ ފަރާތްތައް ވެސް އެބަތިބި. އެހެންވެ، އުންމީދު ކުރަނީ އެކްސްޕޯގައި އެ ފަރާތްތަކުގެ ހުނަރުތައް ވެސް ފެނިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅުގައި ތަފާތު ގިނަ މަސައްކަތް ތަކެއް ކުރެ އެވެ. އެ އަތޮޅު ތުޅާދޫއަކީ ލިޔެ ލާޖަހަން ރާއްޖޭގައި އެންމެ މަޝްހޫރު އެއް ރަށެވެ. އަދި މާޅޮސް މަޝްހޫރުވެފައި ވަނީ ސަޓާ މަސައްކަތަށެވެ. އަދި ކުޑަރިކިލުގައި ބަތްޕޮޅި ފަދަ ތަކެތި ވިއުމުގެ މަސައްކަތް ކުރެ އެވެ.

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. ބައިވެރިވުމަށް ފޯމް ހުށެހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 30 އެވެ. ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއީ ތަފާތު އެކި އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ފަންނު އެކްސްޕޯ ބާއްވަނީ 22 އިން 28 ނޮވެމްބަރަށެވެ.