ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް، ފަންނު ވެރިންނަށް އިތުރު ފުރުސަތު ތަކެއް ހޯދައިދޭން ބާއްވާ، ފަންނު އެކްސްޕޯ ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.
ނެޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަންނު އެކްސްޕޯ އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ގިނަ ވިޔަފާރިވެރިން ވެސް ބައިވެރި އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، ފަންނު އެކްސްޕޯ އިފުތިތާހުކޮށް ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާ ކުރަން ސަރުކާރުން ކުރާ މަސައްކަތަކީ ދިވެހިންގެ ގައުމީ ވަންތަކަން މުޅި ދުނިޔެ އަށް ދައްކުވައިދޭނެ ކަމެއް ކަމަށެވެ.
"މި ފަދަ މައުރަޒަކުން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ. ހުރިހާ ޒުވާނުން ވެސް މިފަދަ ފަހި ފުރުސަތުގެ ބޭނުން ހިފައި ދިރިއުޅުން އާރާސްތުކޮށް ގައުމުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފަންނު އެކްސްޕޯ 2019 ގެ ރަސްމީ ވީޑިއޯ ވެސް ދައްކާލި އެވެ. ދިވެހި ވަންތަ ސިފަތައް އެކުލެވޭ މި ޕްރޮމޯޝަން ވީޑިއޯގައި އަމިއްލަ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތެރިވާ ބައެއް މީހުންގެ އިންޓަވިއުތައް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ފަންނު އެކްސްޕޯއިން ހޮވާލެވޭ އެންމެ ރަނގަޅު ފަސް ފަރާތެއް ހޮވައި، އެ ފަރާތް ތަކަށް ލުއި ލޯނުގެ ފުރުސަތު ދިނުމުގެ ގޮތުން އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާ އަދި ކަލާފާނު ސްކޫލުގައި ބައިތައް ކުރިއަށްދާ ފަންނު އެކްސްޕޯގައި 250 ސްޓޯލު ހުންނާނެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިލް މިރޭ ވިދާޅުވީ ފަންނު އެކްސްޕޯއަކީ ހަމައެކަނި ފެއާއެއް ބާއްވާލާފައި ނިންމާލާ ގޮތަށް އޮންނަ ހަރަކާތެއް ނޫން ކަމަށެވެ. މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ދިރުން ގެނެސްދިނުން ކަމަށާ، ސަރުކާރުން އެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަރުރަޒު ނިމުމުން ވަނަ ދީފައި ނިންމާލަނީ އެއްވެސް ނޫން. އެ ފަރާތްތަކުގެ އަތުގަ ހިފައިގެން ކުރިއަށްދާނީ،" ފައްޔާޒު ވިދާޅުވި އެވެ.
މި މަހުގެ 30 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަންނު އެކްސްޕޯ އޮންނާނީ، ނޮވެމްބަރު މަހު 22 އިން 28 ގަ އެވެ. ފަންނު އެކްސްޕޯގައި ބައިވެރި ވެވޭ 77 ކެޓަގަރީއެއް ހިމެނެ އެވެ. އެހެންވުމުގެ ސަބަބުން އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބޭ ފުރުސަތެކެވެ. ފަންނު އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.