ވިޔަފާރި

ކޮންމެ ރިސޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވަނީ

ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފަންނު އެކްސްޕޯ އިފުތިތާހު ކުރަން އާޓްގެލަރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދިވެހި އުފެއްދުންތައް މާކެޓު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ރިސޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އިމްޕޯޓު ކުރާ ހަނދާނީ ހަދިޔާ [ސުވެނިޔަ] ގެ ބަދަލުގައި ރާއްޖޭގައި އެ ފަދަ ތަކެތި އުފައްދަން މަަސައްކަތް ތަކެއް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

"މީގެ އިތުރުން ދިވެހި އުފެއްދުން ތަކަށް ހާއްސަ ލޯގޯއެއް ތައާރަފު ކުރަން މަސައްކަތް ކުރަމުން މިދަނީ. މިއީ މިނިސްޓްރީން ތައްޔާރުކުރާ އެއްޗެއް. ބޭނުމަކީ ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުން. މިދިޔަ ތިން އަހަރު ތެރޭގައި 100 މިލިއަނެއްހާ ރުފިޔާގެ ސުވެނިއަ އެތެރެކުރި. އުންމީދަކީ މި އަދަދު މަދު ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި މަސައްކަތްތެރީންގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށް އަންނަ މަހު އެއާޕޯޓުގައި ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 150 ރިސޯޓު ހިންގަ އެވެ. ނަމަވެސް މީގެ ތެރެއިން ދިވެހި އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރަ ހިންގަނީ މަދު ތަނެއްގަ އެވެ.