ވިޔަފާރި

ފަންނު އެކްސްޕޯ: ކަލާފާނު ސްކޫލުން ހިލޭ ސްޓޯލް

Oct 23, 2019

އަންނަ މަހު ބާއްވާ ފަންނު އެކްސްޕޯއަށް ކަލާފާނު ސްކޫލްގައި ބަހައްޓާ ސްޓޯލްތައް އޮޕަރޭޓް ކުރަން ބޭނުންވާ ފަރާތް ތަކަށް އެ ފުރުސަތު ހިލޭ ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، ފަންނު އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގަ އާއި ކަލާފާނު ސްކޫލްގަ އެވެ.

މިއީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއް ތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމުކޮށްދޭން ބާއްވާ އެކްސްޕޯއެކެވެ.

ކަލާފާނު ސްކޫލްގައި ކުރިއަށްދާނެ ހަރަކާތްތައް

  • މޯލްޑިވިއަން ހީލާޒް (ދިވެހި ބޭސްވެރިން / ބޭސްވެރިކަން)
  • އެމްވީ ޓެކް ޕެރެޑައިސް (އައިސީޓީ ދާއިރާގައި ދިވެހިން)
  • އެމްވީ ޓެކް ޕެރެޑައިސް (އައިސީޓީ ދާއިރާގައި ދިވެހިން)
  • މޯލްޑިވްސް ހޭޒް ގޮޓް ޓެލެންޓް (ފޮޓޯގްރަފީ / ކުރެހުން / ޕެއިންޓިން)
  • ސްޕެޝަލް ޓެލެންޓް ޝޯ (ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް)
  • މޯލްޑިވިއަން ކިޗެން ރެސިޕީސް (ދިވެހި ރަހަތައް)
  • ދި ބުކް ބާޒާރު (ދިވެހި އަދަބިއްޔާތު / ލިޔުންތެރިކަން)

މި ސްޓޯލްތަކަކީ އެއްވެސް އަގެއް ނެގުމަކާއި ނުލައި މައުރަޒު އިންތިޒާމް ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ސްޓޯލް ތަކެކެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.