ވިޔަފާރި

ފަންނު އެކްސްޕޯ: މައުލޫމާތު ދިނުން މާދަމާ ހުޅުމާލޭގައި

Sep 5, 2019

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި މަހުގެ 30 އެވެ. އެހެންވެ ފަންނު އެކްސްޕޯ އިންތިޒާމުކުރާ އިކޮނޮމިކް މިނިސްޓްރީން ވަނީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހަ ކޮށްދޭން މައުލޫމާތު ދިނުމުގެ ހަރަކާތެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމާފަ އެވެ.

ހުޅުމާލެ، ކޮމާޝަލް އޭރިއާގައި ކުރިއަށްދާ މި ސެޝަންގައި އެކްސްޕޯގެ ފޯމު ބަލައިގަތުމާއި މައުލޫމާތު ދިނުމާއި ފޯމު ދޫކުރުން ވެސް އޮންނާނެ އެވެ. މި ހަރަކާތް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.

ފަންނު އެކްސްޕޯގެ ޓީމުން މައުލޫމާޔު ދޭއިރު ލައިވް މިއުޒިކާއި އެހެނިގެން ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ.

އެކްސްޕޯއަށް ތައްޔާރު ވަމުންދާއިރު ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އޮތީ ހުޅުވާލާފަ އެވެ. މިހާތަނަށް މާލެ އިން 100 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އެކްސްޕޯ އޮންނާނީ އަންނަ ނޮވެމްބަރު މަހު އެވެ. ކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި އެ އުފެއްދުންތައް ބަހައްޓައިދޭނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.

މީގެ އިތުރުން ފަސް ފަރާތަކަށް އެހީވެދީ، އެއިން ކޮންމެ ފަރާތަށް އެސްޑީއެފްސީން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ.