ހަބަރު

ފިނޭންސްގެ ނައިބަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި

Aug 27, 2019
1

ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ފިނޭންސްގެ ނައިބުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު އިމާން މޫސާއަކީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް އިމާން އައްޔަން ކޮށްފައިވާއިރު، އެ މިނިސްޓްރީގައި މިހާރުވެސް މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި ދެ ބޭފުޅަކު ތިއްބަވަ އެވެ.

މިހާރުވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 330 އަށް ވުރެ އިތުރުވެފަ އެވެ. ނަމަވެސް، ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މައްޗަށް އަރަ އެވެ.