ހަބަރު

މިއޮތީ 13 ފޫޓުގެ ތުތިބޯވަދިލަ މަހެއް!

އާންމުކޮށް، ދިވެހިން ބާނާ ނޫޅޭ ވައްތަރުތަކާއި އާދަޔާ ހިލާފަށް ބޮޑެތި މަސްތައް ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ބާނަ އެވެ. މި އަހަރު ފެށުނު ފަހުން ވެސް މިވަނީ އޭގެ ތަފާތު ތިން ވައްތަރެއްގެ މަސް ބާނާފަ އެވެ.

މީގެ ކުރިން ބާނާފައިވާ މަސްތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ 30 ވީ ދުވަހު ގެމަނަފުށީ މީހަކު ވަނީ ބަރުދަނުގައި 30 ކިލޯ ހުރި ރަތްމަހެއް ބާނާފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި ރަތް މަސް ބާނަން ރާވައި އެރަށު ޑިންގީ އެއްގައި މަސް ބާނަން ނުކުތީ އެވެ. ހަތަރު މީހުންނާއެކު މަސް ބޭނީ ރަށާ ގާތްގަނޑަކަށް 500 ފޫޓް ބޭރުންނެވެ.

މިދިއަ ޖުލައި މަހުގެ ތިން ވަނަ ދުވަހުވެސް ވަނީ އާދަޔާ ހިލާފަށް ބޮޑު މަހެއް ބާނާފަ އެވެ. ބަރުދަނުގައި 74 ކިލޯ ހުރި ފާނައެކެވެ. ބޮޑު ފާނަ ބާނާފައިވަނީ ގދ. ފިޔޯރީ ކައިރިންނެވެ. މަސްވެރިންގެ މައުލޫމާތު ގެނެސްދޭ "ދިވެހި މަސްވެރިން" އިން ބުނެފައިވާ ގޮތުގައި ފިޔޯރީ ކައިރިން ބޭނި ފާނަ ބޮޑު ކަމުން ދޯންޏަށް އެރުވުނީ ވެސް ހަތަރު މީހުން އެކުވެ، ވާޖަހައިގެނެވެ.

74 ކިލޯގެ ފާނަ ދޯންޏަށް އަރުވާ ވީޑިއޯ

ޖުލައި މަހުގެ 27 ގައި ދ. މީދޫ ދޯންޏަކުން ވަނީ 400 ކިލޯގެ ހިބަރެއް ބާނާފަ އެވެ. އާންމުކޮށް ރާއްޖޭގައި ބާނާ ހިބަރުގެ ސައިޒަށްވުރެ ފަސް ގުނަ ބޮޑު އެ ހިބަރު ބާނާފައިވަނީ ވ. އަތޮޅާ ކައިރިންނެވެ. އެ ހިބަރުގައި 400 ކިލޯ ހުރި ނަމަވެސް، އެ ހިބަރު ބޭނި މީހުން މ. ދިއްގަރަށް ގޮސް ވިއްކީ ކިލޯއެއް 10ރ ގެ ރޭޓުން 4000 ރުފިޔާއަށެވެ.

ރަތް މަހާއި، ހިބަރާއި، ފާނައަށްވުރެ ތަފާތު އެއްޗެއް އިއްޔެ ހުޅުމާލޭ ބޭރުން ވަނީ ބާނާފަ އެވެ. މަސްވެރިކަމަށް ނުކުތް ބަޔަކު ބާނާފައިވަނީ 13 ފޫޓަށްވުރެ ދިގު ތުތިބޯވަދިލަ މަހެކެވެ. ބޭނީ ހުޅުމާލެއާއި މާލޭގެ "ރާކަނި" ގާޑިއަލަށް މަސް ގެންގޮސްދޭ އެ ދޯންޏަކުންނެވެ. ރާކަނީގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތުތިބޯވަދިލަ މަސް ބާނާފައިވަނީ ހުޅުމާލޭ ބޭރު، 500 މީޓަރު އަޑިންނެވެ. އަދި އޭގެ ބައެއް ވަނީ ބުރިކޮށްލާފަ އެވެ. ދިގުމިން ބުރިކޮށްލި ބަޔާއެކު 15 ފޫޓަށްވުރެ ބޮޑުވާނެ އެވެ.

ރާއްޖޭގެ ކަނޑުތަކުން އާދަޔާ ހިލާފު މިފަދަ ބޮޑެތި މަސްތައް ބާނަމުންދާއިރު، މީގެ ކުރިން ރާއްޖެއިން އާންމުކޮށް ނުފެންނަ ކަނޑުގެ ވަކި ހިސާބެއްގައި ދިރި އުޅޭ ބައެއް ބާވަތްތަކުގެ މަސްތައް ވެސް ދިވެހިން އަންނަނީ ބާނަމުންނެވެ.