ހަބަރު

އަލީ ހާޝިމްގެ ނަން ކޮމިޓީއަށް

Aug 29, 2019
1

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސް މަޖިލިހަށް ފޮނުއްވީ އިއްޔެ އެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

އޭނާގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާއިރު އޭނާ މަގާމަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ އެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް މަޖިލީހުން އެ ކަމުގައި ގޮތް ނިންމާނެ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނީ ކޮށެވެ.

އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.