ހަބަރު

އެމްއެމްއޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައިގަނޑު މަގްސަދުތަކަށް އިސްލާހު ގެނެސްފައި ވެއެވެ. އެ ގޮތުން، އެ އޮތޯރިޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

އެމްއެމްއޭގެ ގާނޫނަށް ގެނައި މި އިސްލާހުގައި ގާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި އަދި ގާނޫނުގައި "ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލާކަން" މާނަކޮށް މި ބިލުގައި ހިމަނާފައި ވެއެވެ. އަދި އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި، އެ މަގާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިސްލާހު ކޮށްފައިވެއެވެ. އަދި އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނެސް، ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަދި "ސެކިއުރިޓީޒް މާކެޓް" އާ ގުޅޭ ކަންކަންވެސް މި ބިލުގައިވެއެވެ.