ހަބަރު

ކެޕިޓަލް މާކެޓު ފުޅާކުރަން ގެނައި އިސްލާހު ތަސްދީގުކޮށްފި

Dec 23, 2020

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާކެޓް ފުޅާކުރުމަށް މަގުފަހިވާގޮތަށް މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައި ވަނީ ކެޕިޓަލް މާކެޓް ފުޅާކުރުމަށްޓަކައި، މާކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެ ފަދަ ވަސީލަތްތަކަކީ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ހާލަތުގައި އެ ފަދަ ކަންކަން ތައާރަފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުން އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައި އެވެ.

އަދި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި، ދިރާސާތައްކޮށް، އާންމުން އަހުލުވެރިކުރުވުން ވެސް، އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

ސަރުކާރުގެ ސެކިއުރިޓީޒްއާގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާއިރު، ހިއްސާގެ ބާޒާރެއް ގާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައި އެވެ.

އަދި މި ގާނޫނުގައި ސްޓޮކް އެކްސްޗޭންޖް ގާއިމްކޮށް ހިންގަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެމަތިން، ސީއެމްޑީއޭ އިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.