އަންނަ އަހަރު ފެށުމަށް ބަޖެޓް ކުރެވިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާ އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. އެ ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކެއް ފެށުމަށް ހިމަނާފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމިގެން މި ދަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމުން އަންނަ އަހަރު ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ މޭރުމުން ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. އަދި މިއަހަރުގެ ބަޖެޓަކީ މިހާތަނަށް ހުށައަޅާ އެންމެ ދަރަނި ބޮޑު ބަޖެޓަށް ވުމުން މެންބަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަހަރުގެ ބަޖެޓްގައި 15 ބިލިއަން ރުފިޔާއަކީ ދަރަންޏެވެ. މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދި ދަރަނީގެ ނިސްބަތަކީވެސް 15 ބިލިއަނެވެ. އެެހެން ކަމުން ތިންވަނަ އަހަރެއް ނިމިގެންދާއިރު މި ސަރުކާރުން އުފެއްދި ދަރަނި 30 ބިލިއަނަށް އަރާނެ އެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި އޮތް ރަސްމިއްޔާތުގައި ރައީސް ވަނީ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބުވެސް ދެއްވިއެވެ. ރައީސް ވިދާޅުވީ އައު އަހަރުގެ ބަޖެޓްގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި ތިލަމާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ކަމަށެވެ.
މިއީ ބޮޑެތި މަޝްރޫއުތައް ނަމަވެސް މި މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކަނޑައެޅިގެން ލިބިފައި ހުރި ފައިސާއިން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއިން އެއްވެސް މަޝްރޫއެއް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިންމާލީ ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދީ 15 ބިލިއަންގެ ދަރަނި ކަމަށެވެ.
"ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި ފަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަނަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ. މިއީ މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމެއް،"
ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާ މި ދަތި ހާލުގައިވެސް އެ އަދަދަށް ފައިސާ ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރުގެ މަޝްރޫއުތައް ފެށުމުގެ ކުރިން އެ ކަމަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ކަން ޔަގީންކުރަން މަރުކަޒީ ބޭންކް އިން ސަރުކާރަށް ވަނީ ލަފާ ދީފައެވެ. ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ޖެހޭ ކަމަށާ، މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ވެސް ވަނީ ދަށްވެފަ. އެހެންވެ، ކެޕިޓަލް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޑޮލަރު އެތެރޭގެ މާކެޓުން ނުލިބި މި ފަދަ މަޝްރޫއުތައް ނުހިނގޭނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތައް ފެށުމުގެ ކުރިން ދައުލަތާއި ސަރާރުން ޖެހޭ އެ އަށް [މަޝްރޫ] އަށް ބޭނުންވާ ބޭރު ފައިސާ ޔަގީންކޮށްފަ ޕްރޮޖެކްޓްތައް ފަށަން،" ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ބޭރު ފައިސާގެ ކޮންޕޯނެންޓް ވަރަށް ބޮޑު ކަމަށާ، އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
"ބޭރު ފައިސާގެ ކޮމްޕޯނެންޓް ގާތްގަނޑަކަށް 40 ޕަސެންޓަށް ބަރޯސާވޭ. އަޅުގަނޑުމެންގެ ރެވެނިއު އެހާ ހިސާބަށް ނުގެންދެވޭނަމަ ޖެހޭނީ އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ބޭރު ފައިސާ ޔަގީންކޮށްފަ، ޕްރޮޖެކްޓް ފަށަން. އެކަމަށް މަޖިލީހުން ބާރު އަޅަން އެދެން،" ގަވަރުނަރު ވިދާޅުވި އެވެ.
އަދި ގަވަރުނަރު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއުތަކެއް ކަމަށް ވިދާޅުވެފައެވެ.
"ވިހި އެކާވީސް ވަނަ އަހަރު ވެސް ލަފާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝް ޕްލޯ ދަތިވެ، މަޝްރޫއުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއު ތަކެއް. މި ފަދަ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ހޯދަން މައިގަނޑު ގޮތެއްގައި ބަރޯސާ ވެފައިވަނީ ދަރަނި ނަގައިގެން ކަމަށްވުމާއެކު ކޮންސެޝަނަލް ފައިނޭންސިން އަށް އިސްކަން ދޭން ލަފާދޭން،" އަލީ ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ ގަވަރުނަރަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާ އެމަނިިކުފާނަށް އިތުބާރު ކުރައްވާ ކަމަށެވެ.