ދަރަނި ދެއްކުމުގައި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ސަރުކާރުން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ވިދާޅުވުމާމެދު މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު ސުވާލު އުފައްދަވައިފި އެވެ.
މިނިސްޓަރު އަމީރު ދެއްވި ޔަގީން ކަމާމެދު ސުވާލު އުފައްދަވާ ތޯރިގް ވިދާޅުވީ ބަނގުރޫޓްވާއިރު ފެންނަ އަލާމަތްތަކެއް ހުންނަ ކަމަށެވެ. ރިސާވްގައި 800 މިލިއަން ޑޮލަރު ހުރި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވާއިރު އެ ވިދާޅުވާ ރިޒާވްއަކީ ހުރިހާ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު އެއްކުރީމަ އަންނަ އަދަދެއް ކަމަށެވެ.
އަދި ދައުލަތުގެ ޔޫސެބަލް ރިސާވްގައި ހަނޑޫ ގަންނަން ހުރި އަދަދު ހާމަ ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއިން ދަރަނީގެ ގޮތުގައި ރާއްޖެއިން ދެން އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އެހާތަނަށް ދަރަނި ދެއްކުމަށް ސަރުކާރުގެ ތެރެއިން މެނޭޖުކުރަންޖެހޭ ކަންކަން ރަނގަޅަށް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެެ.
"އެހެންވެ ކައިރި މުސްތަގްބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތް،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުން އެކި ދުވަސްވަރު ނަގާފައި ހުރި ލޯންތަކަށް މިސަރުކާރުން ގެންދަނީ ބަރާބަރަށް ފައިސާ ދައްކަމުން ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ދެއްކުމަށްޓަކައި މިސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު ސުކޫކެއް ވިއްކުމަށްފަހު ދަރަނި ދައްކާނެ ގޮތުގެ ރީސްޓްރަކްޗާއެއް ސަރުކާރުން ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ދަރަނި ދެއްކުމަށް ގެނައި ބަދަލުގެ ތެރެއިން ދަރަނީގެ ގޮތުގައި ދައްކަން އޮތް 250 މިލިއަން ޑޮލަރުގެ ތެރެއިން 192 މިލިއަން ޑޮލަރު ސަރުކާރުން މިދިޔަ އަހަރު ދައްކާފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތަށް އެ ދަރަނި ދެއްކުމުން ބާކީ ދައްކަންޖެހޭ 58 މިލިއަން ޑޮލަރު ދެއްކުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށްވެސް ވިދާޅުވި އެވެ.
"ބާކީ 58 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ޕޭމަންޓާއި އެއްކޮށް ދައްކަން މިޖެހޭ އަދަދު ކުރިއަށް އޮތް ޖޫން ފަސްޓް ވީކުގައި ޕޭކުރާނަން. އެއީ 62 މިލިއަން ޑޮަލަރު. އެ ފައިސާވެސް އަޅުގަނޑުމެން އަތުގައި އެބަހުރި،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމާއި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމާ ގުޅިގެން ދަރަނި ނަގާ މިންވަރު ދަށަށްދާ ކަމަށެވެ. އެހެންވެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށަށް ކަމުގައި ވިދާޅުވި އެވެ.
ރާއްޖެއަށް ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއިރު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވަނީ ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރާ އިގްތިސޯދުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފަ އެވެ.