ހަބަރު

ފޮޓޯ ހިމެނޭ އިންޒާރާއެކު ނޫނީ ދެން ދުންފަތެއް ނުގެންނާނެ: އަމީން

ފޮޓޯ ޖެހި އިންޒާރުގެ ނޯޓިސް ނުހިމަނާ އަންނަ އަހަރު ރާއްޖެއަށް ދުންފަތް އެތެރެ ކުރާތަން ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި 2017 އިން 2019 އަށް ހިންގި "ޑިވެލޮޕްމަންޓް އެންޑް ސްޓްރެންތެނިން ޓޮބޭކޯ ކޮންޓްރޯލް ޕޮލިސީސް އިން މޯލްޑިވްސް ޓް އެޗީވް އެމްޕަވާ" މަޝްރޫއުގެ މަސައްކަތްތައް ނިންމުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އެންމެ ކާމިޔާބު ކަމާއެކު ހާސިލް ކުރެވުނު އެއް ކަމަކީ ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ތައާރަފު ކުރުން ކަމަށެވެ.

އަދި ވިދާޅުވީ އަންނަ އަހަރުން ފެށިގެން ދުންފަތް އެތެރެ ކުރާއިރު ފޮޓޯ ޖެހި އިންޒާރުގެ ނޯޓިސް ނުޖަހާ ދުންފަތް އެތެރެކުރާ ތަން ނުފެންނާނެ ކަމަށެވެ.

"މިހާރުވެސް ވަނީ މަނާކޮށްފައި. ނަމަވެސް ކުރިން އެތެރެ ކުރި އެއްޗެހި ވިއްކުމުގެ ހުއްދަ އަދި އެބޮތް. މިކަމުގައި ސަރުކާރުން ދެއްކެވި ސާބިތުކަމަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަސް ޖެހުމެއް ނެތި ކުރާނެކަން" މިނިސްޓަރު ވިދާޅުވި އެވެ.