ހަބަރު

ކުޑަ އުޖޫރަ ކަނޑައެޅުން ލަސްވާތީ ކަނބޮޑުވެއްޖެ

Aug 31, 2019
3

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ލަސްވާތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީ އިން ހުށަހެޅި "އެޖެންޑާ 19" މެނިފެސްޓޯގައި ހިމެނޭ އެއް ވައުދެކެވެ. އެކަމުގެ ދިރާސާތައް ހަދައި ނިންމައި މަޖިލީހަށް ހުށަހެޅޭނީ އަންނަ އަހަރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި ކަންކަން ނިންމާއިރު އެކަށީގެންވާ މިންވަރަށް ދިރާސާ ކުރަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ދިރާސާއަށް ކުރަން އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާތީ ކަންބޮޑުވާ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސް ކުރަން ޖެހޭ ކަމަށާއި އެކަމުގައި މަޖިލިސް އިން އެއްބާރުލުން ދެއްވާނެ ކަމަށް ފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމަކީ އުޒުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ދިރާސާ ކުރަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޗަންގެ އެހީތެރިކަމާއެކުގަ އެވެ. އަދި ކުޑަ އުޖޫރައެއް ކަނޑައަޅަނީ މުޅި ރާއްޖެއަށް އެއް މިންގަނޑެއްގައިތޯ ވެސް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.