ވިޔަފާރި

ފަންނު އެކްސްޕޯ: މާލެއިން އެކަނި 100 އަށްވުރެ ގިނަ މީހުން

Sep 1, 2019

ފަންނު އެކްސްޕޯ އަށް މުޅި ރާއްޖެ ތައްޔާރު ވަމުންދާއިރު ބައިވެރިވުމުގެ ސުން ގަޑިއަކީ މި މަހުގެ 30 އެވެ. ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އޮތީ ހުޅުވާލާފަ އެވެ. މިހާތަނަށް މާލެ އިން އެކަނި 100 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

"ރަށްރަށުން ބައިވެރިވި ފަރާތްތަކުގެ ފޯމުތައް ގެނެސް، ކަލެކްޓް ކުރަން ފަށާނީ 30 ގެ ފަހުން. ރަށްރަށުން ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. އުންމީދު ކުރަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް،" ފަންނު އެކްސްޕޯ އިންތިޒާމުކުރާ އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފަންނު އެކްސްޕޯގައި ބައިވެރިވެވޭނީ

  • އަމިއްލަ ފަރުދުންނަށް
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  • ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)ަ
  • ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  • ކްލަބް ޖަމިއްޔާ ދާއިރާ

ފަންނު އެކްސްޕޯގައި ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި އެކްސްޕޯ އޮންނާނީ 22-28 ނޮވެމްބަރު ގައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމާއި އުސޫލު ވަނީ މިނިސްޓްރީ އާއްމުކޮށްފައިވެ އެވެ.

މި މައުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ދާއިރާއަކުން ތިން ވަނައެއް ހޮވާނެ އެވެ. ރަންވަނަ ވަނަ ( މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބޭ ފަސް އުފެއްދުން) މި މައުރަޒުގައި ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް 85 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަންވަނަ އަށް ވާދަކުރެވޭނެ އެވެ. އަދި އޭގެ ތެރެ އިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު ފަސް އުފެއްދުމަށް ރަން ވަނަ ދެވޭނެ އެވެ.

އިންސާފު ކުރުމުގައި ބަލާނެ އާންމު ބައިތައް

  • ފަރުމާކުރުމުގެ ފުރިހަމަކަމާއި، މަސައްކަތުގެ ފަށުވިކަމާއި، ހިޔާލުގެ މުއްސަނދިކަން
  • މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު
  • އުފެއްދުން ފަރުމާކޮށް އުފެއްދުމުގައި ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކަށް އުފެއްދުން ތައްޔާރުކުރެވިފައިވާ މިންވަރު
  • އެ އުފެއްދުން ބަންދުކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގައި ހުރި ފަސޭހަކަން ނުވަތަ މަރުކާ ކުރެވިފައިވާ މިންވަރު
  • އުފައްދަން ބޭނުންކޮށްފައިވާ މެޓީރިއަލްސް
  • އުފެއްދުން މާކެޓް ކުރެވިދާނެ މިންވަރު
  • އުފެއްދުމުގައި ތިމާވެށްޓާއި ރަހުމަތްތެރި މިންވަރު

ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބޭނެ އެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރެވޭނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ. މީގެ އިތުރުން ފަސް ފަރާތަކަށް އެހީވެދީ، އެއިން ކޮންމެ ފަރާތަށް އެސްޑީއެފްސީ އިން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭން ވެސް ވަނީ ނިންމާފަ އެވެ.