ޔަމަން

ޔަމަނުގެ ޖަލަކަށް ދިން ހަމަލާއެއްގައި 60 މީހަކު މަރުވެއްޖެ

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ގުޅިގެން އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނުގެ ޖަލަކަށް ދިން ހަމަލާއެއްގައި 60 މީހަކު މަރުވެއްޖެ އެވެ.

ހޫތީ ޖަމާއަތުގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްމަން ޔޫސުން އަލް ހާދިރީ ވިދާޅުވީ، ކޯލިޝަނުން ހަމަލާ ދީފައި ވަނީ ދަމަރް ސިޓީގައި ހުންނަ ޖަލަކަށް ކަމަށެވެ. މި ހަމަލާގައި 60 މީހުން މަރުވެ 55 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ޔޫސުފް ވިދާޅުވި އެވެ. އަދި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން މިހާރު ދަމަރް ކޮމިއުނިޓީ ޔުނިވާސިޓިއަށް ބަދަުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ރޮއިޓާސައަށް މައުލޫމާތު ދެމުން ބުނީ، ޖަލުގައި ކުށްވެރިން ބައިތިއްބަނީ ތިން އިމާރާތަކަށް ބަހައިގެން ކަމަށެވެ. ސައުދީ ކޯލިޝަނުން އެ ތިން އިމާރާތަށް ވެސް ހަމާލާދީފައި ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމާއަތުން ބުނީ، މަރުވި މީހުންގެ އަދަދު 100 އަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.