އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޫތީން އަލުން ޓެރަރިސްޓް ލިސްޓަށް ލުމާ މެދު އެމެރިކާ ވިސްނަމުން ގެންދާ ކަމަށް ވިދާޅުވެއްޖެ އެވެ.
ބައިޑަން މިގޮތަށް ވިދާޅުވީ ޔަމަންގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީން ބޯޑަރު ހުރަސްކޮށް މިނިވަން ދައުލަތަކަށް ފަނާކުރަނިވި ޓެރަރިސްޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ހޫތީން ދިން ޑްރޯން ހަމަލާތަކެއްގައި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ތެޔޮ ޓޭންކްތައް ވަނީ ގޮއްވާލާފަ އެވެ. އަދި ހޫތީން ދިން ހަމަލާގައި ތިން މީހަކު މަރުވެ އިގުތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް އަބޫދާބީއަށް ވަނީ ލިބިފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމް ސަރުކާރުން ހޫތީންނާ މެދު އަމަލުކުރީ ޓެރަރިސްޓުން ގޮތުގަ އެވެ. ޓްރަމްޕްގެ ސަރުކާރު ބަދަލު ވަންދެން ހޫތީން އޮތީ ވެސް ޓެރަރިސްޓުންގެ ލިސްޓްގަ އެވެ.
އެހެން ނަމަވެސް ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭ ހޫތީންގެ ކިބައިން ޓެރަރިސްޓުންގެ ލަގަބު ނަގައި އެެއީ ދުނިޔެއާ މުއާމަމާތް ކުރެވޭ ފެންވަރުގެ ޖަމާއަތަށް އޮތީ ހައްދަވާފަ އެވެ.
ބައިޑަން ސަރުކާރުގެ ނިންމުމާއެކު ވެސް ހޫތީން ސައޫދީ އަރަބިއްޔާއަށް ދެމުން ގެންދިއަ ޓެރަރިސްޓް ހަމަމާތަކަށް ބަދަލެއް ނާދެ އެވެ. އަދި ދުވާލަކު އެތައް ރޮކެޓެއް ސައޫދީއަށް ހޫތީން ފޮނުވި ނަމަވެސް އެމެރިކާ ދެނެހުރި ކަމަށް ވެސް ނުހަދަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ހޫތީން ހަމަލާދީ އަދި އިތުރު ހަމަލާދޭނެ ކަމަށް ބުނުމާއެކު އެމެރިކާއަށް މިހާރު ކޮންމެވެސް އެއްޗެއް ވިސްނިއްޖެ ކަަމަށް ބެލެވެ އެވެ.
ނޫސްވެރިނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ހޫތީން ޓެރަރިސްޓުންގެ ލިސްޓަށް ލުމާ މެދު ވިސްނަވާނެ ކަމަށެވެ. އެހެން ނަމަވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.