ހަބަރު

ޕީޖީ ލީޑަރުންނަށް ނާދިރާ: "ތިޔައީ ފޫނެއް ޖާޑިތަކެއް"

އަހުމަދު ރިލްވާންގެ މަރާގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް، ޕީޖީ ލީޑަރުންގެ އަތުން އަތުލަންޖެހުނީ ސިއްރު ހިފެހެއްޓޭނެކަމުގެ ޔަގީންކަން ބޮޑުކަަމުންކަމަށް ވިދާޅުވެ، ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އައިމިނަތު ނާދިރާ ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، ރިލްވާންގެ މަރާ ގުޅޭ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރުމަށް ފަހު، އޭގައި ސިއްރު މައުލޫމާތުތައް ހިމަނާފައި ހުރެގެން އަލުން ރިޕޯޓްތައް މަޖިލީހާ ވަނީ ހަވާލުކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، އަހުމަދު ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައިވާ ސިއްރުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް، ނާދިރާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިލްވާންގެ މަރާގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން އަތުލަންޖެހުނީ ސިއްރު ހިފެހެއްޓޭނެކަމުގެ ޔަގީންކަން ބޮޑުކަަމުންކަމަށެވެ.

ނާދިރާ ވަނީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިޝާރާތްކުރައްވާ "ތިތިބި ލީޑަރުންނަކީ ސިއްރު ހިފެހެއްޓުމުގެ މަސްލަހަތު ފުށުއަރާ ބައެއް"ކަމަށް ވިދާޅުވެފައެވެ. އަދި ލީޑަރުންނަށް އަމާޒު ކުރައްވާ އެއީ "ފޫނެއް ޖާޑިތަކެއް"ކަމަށް ވިދާޅުވެ ނާދިރާ ވަނީ ޕީޖީ ލީޑަރުންނަށް ފާޑުވިދާޅުވެފައެވެ.

ރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދު، އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިިއްޔެ ވަނީ އަރުވާފައެވެ.

އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޕާލަމެންޓަރީ ގުރޫޕް ލީޑަރުންނަށްވެސް އަރުވާފައެވެ.

އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް މި ރިޕޯޓް ވަނީ އަރުވާފައެވެ.

ނަމަވެސް ފަހުން އެ ރިޕޯޓްތަކުގައި ސިއްރު މައުލޫމާތުތަކެއް ހިމެނޭކަމަށް ވިދާޅުވެ ރިޕޯޓްތައް ލީޑަރުންގެ އަތުން ވަނީ އަތުލާފައެވެ. އަދި ސިއްރު މައުލޫމާތުތައް އުނިކުރުމަށްފަހު އެ ރިޕޯޓް ފަހުން ހަވާލުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އަންގާފައެވެ.

ތި ތިބި ލީޑަރުންނަކީ ސިއްރު ހިފެހެއްޓުމުގެ މަސްލަހަތު ފުށުއަރާ ބައެއް. ފޫނެއް ޖާޑިތަކެއް.
އައިމިނަތު ނާދިރާ