އެޅަބެ: ތަފާތު ނަމެއް ތަފާތު ވާހަކައެއް!

ރާއްޖޭގައި ޓޫރިޒަމްގެ ތެރެއަށް އައްޑިހައިގެ އަހަރުތަކުގައި ދިވެހިންގެ އަތްތެރި މަސައްކަތްތައް ހަމަ އޮއްސާލި އެވެ. ޓޫރިސްޓު ފިހާރަތަކުން އޭރު ފެންނާނީ ދިވެހިންގެ އުފެއްދުންތަކެވެ. އެކި އެކި "ޕާޑުޕާޑު" ގެ އަނގޮޓި އާއި ފަށާއި ޒާތްޒާތުގެ ގަހަނާތަކެވެ. އޭގެ ތެރޭގައި ހަދިޔާ / ސުވެނިއާގެ ގޮތުގައި ދޭ އެއްޗެހި ވެސް މަދަކު ބައިވަރެއް ނޫނެވެ. މިހާރު ދެން ބޭރަށް ގޮސް މެޝިނުން ބޭނުން އަދަދަކަށް ހަދާލައިގެން "މޯލްޑިވްސް" ޖަހާލައިގެން ގެންނަނީ އެވެ. މެޝީން ލެވެލްގައި ނުހެދޭތީ އާއި އަދަދު ނުލިބޭތީ އޭގެ ދިވެހި ހުނަރު ފަނޑުވީ އެވެ.

އެ ވާހަކައެއް ނޫނެވެ؛ އޭރު މާލޭގައި ހުރި ގަހަނާ ފިހާރަތަކުގައި ދިވެހިން އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ގަހަނާ ތަކުގެ ތެރެއިން "އެޅަބެ ޔޫސުފް" ގެ ގަހަނާތައް ވަރަށް ހިނގި އެވެ. އެޅަބެ ޔޫސުގެ ގަހާނާތައް މިހާރު ފެންނަން ނެތަސް ހަމަ އެ ނަމުގައި މިހާރު މާރީތި ގަހަނާތަކެއް އެބަ ފެނެ އެވެ. މީގެ ތެރޭގައި ކަންފަތުލާ މުންޖާއި އަތުގައި އަޅާ އުޅައައި ކަރުގައި އަޅާ އަޅާ ފަށާއި މިހެން އެކި "ޕާޑުޕާޑެ"ވެ. މި ގަހަނާތަކުގެ ފަހަތުގައި ހުރީ އޭރު މަޝްހޫރު މަގުބޫކަން ހޯދި އެޅަބެ ޔޫސުފްގެ އަންހެން ދަަރިފުޅު، ހާޖަރާ ޔޫސުފް (ހައްޖަ) އެވެ.

ހައްޖަގެ ޅަފުރާގައި ބައްޕަ ކަވިކޮށް ކުރަމުން އައި ގަހަނާ މަސައްކަތުގައި އަވަދި ނެތި އުޅުނު ހނދާން ވަރަށް ބޮޑަށް ވެއެވެ. ނަމަވެސް އޭރަކު ބައްޕަ އެ ކުރާ މަސައްކަތް ހަމަ އެގޮތަށް އެއަށްވުރެ މޮޅަށް ކުރާނެ ވާހަކަ ބައްޕަ ގާތުގައި ބުނެވިފައެއް ނުވެއެވެ. އެކަމަކު އޭރުވެސް ކޮންމެވެސް ސިފައެއްގައި ބައްޕަގެ ގަހަނާ މަސައްކަތްތަކުގައި ހައްޖައަށް ބައިވެރިވެވިފައި ވެއެވެ. -- އެ ބައިވެރިވުމަކީ ބައްޕައަށް އުނދަގޫވާވަރަށް ގާތުގައި އެނބުރުމެވެ.

ހައްޖަ ބުނި ގޮތުގައި އޭރުވެސް މިހާރު ވެސް އޭނާ ވަރަށް ހަލަނި ވާނެ އެވެ. ބައްޕަ މަސައްކަތް ކުރަން އިންނަ އިރު ގޮސް އަތްލައި ބަލައި ހެދެ އެވެ. ހުރެވެ އެވެ. އަދި ދޭތެރެއެއް ހާވާލައިގެން ބައްޕަ ގެންގުޅޭ އެއްޗެއްސާ ކުޅެ ބަލައި ހެދެ އެވެ. އަދި ވަރަށް ގިނަ އިރުވަންދެން ބައްޕަގެ މަސައްކަތް ބަލަން އިނދެވެ އެވެ.

"ބައްޕަ މަސައްކަތް ކުރަން އިންނަ އެއްޗިއްސާ ކުޅެ ހާވާތީ ބައްޕަ ފޮޅާވެސް ލާނެ.. ބުނާނެ ހަމަ މިހާރު ދާށޭ! ދެން ކުރާ ކަމަކީ ބައްޕަ ނުހުންނަ ގަޑިތައް ބަލައިގެން ވަންނަނީ މަސައްކަތް ކުރާ ތަނަށް. ހުސް ނެޗުރަލް ޕްރޮޑަކްޓްސް ބައްޕަ ބޭނުން ކުރާނީ އޭރު ގަހަނާ ހަދަންވެސް... ދެން ހުންނާނެ ފަށު ފޫ ކަހަލަ އެއްޗެހި އޮފު ކުރަން ބައްޕަ ގެންގުޅޭ ފާޑެއްގެ އެއްޗެއް. އެއިން އަވަސް އަވަހަށް ނިޔަފަތި އޮފް ކޮށްލަނީ ކޮންމެހެނެއް ހަދައިގެންވެސް އެކަން ކުރެވޭތޯ ބަލަން. އެކަމަކު އެއިން އެއްޗެއްގައި އަތްލާ ހެދިއަސް ބައްޕައަށް އެނގޭނެ!" ހައްޖަ ބުންޏެވެ.

ކުޑައިރުގެ އެ ހަނދާންތަކުގައި ކުލަޖައްސަމުން ހައްޖަ ބުނި ގޮތުގައި އޭރު އެ ގަހަނާތައް ފެނުނު ކަމުގައި ވިޔަސް ފުރަތަމަ ހައްޖަ ބޭނުންވި ގޮތް ތަފާތެވެ، ހަމަ ޔަގީނުންވެސް ހައްޖަގެ ފުރަތަމަ މަސައްކަތަކަށްވީ ފެށީ ގަހަނާ އޮފު ކުރުމާއި ރީތި ކުރުމެއް ނޫނެވެ. އެއް ފާޑެއް ނަމަވެސް މަސައްކަތް ތަފާތެވެ. ސްކޫލްގައި އާޓް އެންޑް ޑިޒައިން ނަގައިގެން އޭނާގެ ކެރިއާގެ މިސްރާބު ޖެހީ ޑިޒައިނިންއަށެވެ.



"އަަމީނިއްޔާ އަށް ގޮސް ސަބްޖެކްޓަކަށް އާޓް ނެގީ އެއީ ކިޔަވަންޖެހޭ އެކަތި މަދުވާނެތީ. އަސްލު އެހާ ބްރައިޓެއް ނޫން... ދެން އާޓް ގަޑީގައި ވެސް ދޭނެ ކުރަަހަން. އެއިންވެސް އެއްޗެއް ޑިޒައިން ކުރަން... ހުންނާނެ ޕެޓާންސް އާއި ބުކް ކަވާސް އާ އެކަހަލަ އެއްޗެހި ދޭނެ. އޭގެ އެއްޗެހި ވަރަށް ރީއްޗަށް ހެދޭ. ދެން އެހިސާބުން އެނގުނީ މިއީ ކުރިޔަށް ދެވޭނެ ދާއިރާ އެއްކަން."

ހައްޖަ ވަނީ ޑިޒައިނިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލް ކޮށްފަ އެވެ. އަދި މާލެ އައިސް އަމިއްލައަށް އެއްޗެހި ޑިޒައިން ކުރަން ވެސް ފެށި އެވެ. ގްރެފިކްސް ޑިޒައިން ކުރުމާއި ލޭއައުޓް ހެދުމާއި އެކި ކަހަލަ ޑިޒައިނިންގެ މަސައްކަތްތަކުގައި ވަރަަށް ގިނަ ދުވަސް ވަންދެން ހައްޖަ އުޅުނެވެ. އޭގެ ތެރެއިން ވެސް ހައްޖައަށް މިހާރުވެސް ކަމުދާ ވެޑިން ކާޑުތައް ހެދުމަކީ ވަރަށް ގަޔާ ވެގެން ކުރި މަސައްކަތެކެވެ.



ހައްޖަގެ ކާޑުތައް އޭރު ބެހެއްޓީ ކުރީގެ ޓޫރިސްޓު ފިހާރަ "އައިލެންޑް ސްޕިރިޓް" ގަ އެވެ. އެ ކާޑުތަކާ ދުރުވީ 2016 ގައި ގަހަނާގެ މަސައްކަތް ފެށުނު ހިސާބުންނެވެ. އެ މަސައްކަތުގެ ތެރެއަށް ވެސް ދެވުނީ ޓޫރިސްޓު ފިހާރައެއްގެ ތެރެއިންނެވެ.

އެޅަބެ އިންސްޓަގްރާމް ޕޭޖް

ގަަހަނާތަކާއި ހައްޖައާއެކު ނަމުގެ ފަހަތަށް "އެޅަބެ" އައިސް ގުޅެނީ މިހާ ހިސާބުންނެވެ. އެއް ދުވަހަކު ވީ ގޮތަކީ ރާއްޖެއިން ބޭރަށް ދާން އެއާޕޯޓުގައި ހުއްޓާ ސަބާ މޯލްޑިވްސްގެ ފިހާރައެއް ހައްޖައަށް ފެންނަނީ އެވެ. އެ ފިހާރަަގައި ހުރި ސުވެނިއާތަކުގެ ތެރޭގައި ދިވެހިން ހަދާފައި ހުރި ތަކެތީގެ ރެކު ހުރީ ފަޅަށެވެ. އެ ހުސް ރެކު ފެނުމުން ހިތަށް އުނދަގޫވި އެވެ. އަދި ބައްޕަގެ ގަހަނާ ހަދައި ޓޫރިސްޓުން ހިތްހަމަ ޖައްސައިދިން ހަނދާންތައް އާވީ އެވެ.

އެހިސާބުން ހައްޖަ ޖުވެލަރީ ޑިޒައިން ކޯހެއް ހެދީ އެވެ. އެ ކޯހުން ގަހަނާ ހެދުމާބެހޭ ކަންކަން ދަސް ކުރުމަށް ފަަހު ބައްޕައަށް ހާއްސަ ނަން "އެޅަބެ" އެއީ ބްރޭންޑަކަށް ބަދަލުކޮށް އެ ނަމުގައި ގަަހަނާ ޑިޒައިންކޮށް ވިއްކަން ފެށީ އެވެ.

ހައްޖަގެ މި ގަހަނާތަކުގައި ހާއްސަ ކަމެއް ވެ އެވެ. މި ގަހަނާތަކުގައި ބޭނުން ކޮށްފަައިވަނީ ކަރުދާހުން ހަދާފަައި ހުންނަ އެއްޗިއްސެވެ. އަދި ލިޔެލާޖެހި ޑިޒައިނާއި، ތުނޑުކުނަލުުގެ ޑިޒައިނާއި ރާއްްޖޭގެ ސަގާފީ އެއްޗެއްކަން ދޭހަވާ ހުރިހާ ކުލައަކާއި ކުރެހުމެއް ވެސް "އެޅަބެ" ނަމުގައި ވިއްކަން ހުންނަ ގަހަނާތަކުގައި ވެ އެވެ.


"ކަރުދާސްް ބޭނުންކޮށްފައި ހުންނާނީ. ހައްޖަ ޑިޒައިން ކުރާތީ އެހާ އުނދަގުލެއް ނުވޭ ބޭނުން ގޮތަކަށް ކުލަތަކާ އެއްޗެހި ގުޅުވާލާފަައި ޕްރިންޓުކޮށްގެން ދެން ހަމަ އޮޅަނީ. މިކަން ޓެސްޓު ކުރަން ދިޔަ އެއް އަހަރު. ފެނުގައި ބެހެއްޓޭތޯ ބެލުމަށާއި ފަަށުގައި ލައްވާއިރު ބީޑް ތަކުގެ ހޮރު ބަހައްޓަންވީ ވަރާ ހުރިހާ އެއްޗެއް ޔަގީން ކުރުމަށް،"

ޒަމާނީ ޓްވިިސްޓެއް ގެނަޔަސް ހައްޖަގެ މި ގަހަނާތަކުން ކިޔައި ދެނީ ހައްޖަ އާއި އޭނާގެ ބައްޕަގެ އުފާވެރި ހަނދާންތަކުގެ ވާހަކަ އެވެ. އެންމެ ކުޑައިރު ބައްޕަގެ އަތްތެރި އެ މަސައްކަތްތައް ފެނި ކޮންމެވެސް ގޮތަކަށް އެއަށް ހިތްދެވިފައިވާ ގޮތެވެ. ހައްޖައަށް ބައްޕަގެ ހަނދާނުގައި "އެޅަބެ" ގަހަނާތައް "ކްލެސިކް މޯލްޑިވިއަން ސްޓައިލް" ގައި ވިއްކަން ފެށުނީ އެހެން ވެގެނެވެ. މިއީ ތަފާތު ނަމެއް އަދި ތަފާތު ވާހަކައެކެވެ.