މީހުން

އެނބުރިއައިއިރު ރިޒޫ ވަރަށް ތަފާތު!

"އާނ... މިހާރު މިހުރީ ކުޑަކޮށް ޗަބީވެލާފައި،" ހިނިގަނޑެއް ޖަހާލާފައި ރިޒޫ ބުނެލީ މިހެންނެވެ.

ނަމަވެސް ދުވަސްގަނޑަށް ފަހު ރިޒޫގެ ހިތްގައިމު އަޑުން ހިތްތައް ކަތިލަން ފެށިއިރު މިއީ އޭނާ އަށް އައިސްފައިވާ ހަމައެކަނި ބަދަލެއް ނޫނެވެ.

ރިޒޫ ނުވަތަ ހަދީޖާ މުހައްމަދަކީ އެއް ދުވަސްކޮޅެއްގައި ދެ ތިން ލަވައެއް ކިޔާލައިގެން އާންމުންގެ މެދުގައި ނިކަން ބޮޑު މަޝްހޫރުކަމެއް ހޯދު ޒުވާން އަންހެން ކުއްޖެކެވެ. ރީތި އަޑެއްގެ ވެރިއެއް އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާ ދިވެހިންނަށް ތައާރަފްކޮށްދިނީ ޓީވީއެމްގެ ލަވަ ޝޯ "އެހަނދާނުގައި" ޑުއެޓްގެ "ގެންދޭ ބުނަމޭ" މި ލަވަ އެވެ.

ނަމަވެސް ރިޒޫ ތަރިއަކަށް ހަދާލަދިން ލަވައަކީ މި ސިލްސިލާގައި 2011 ވަނަ އަހަރު އަބްދުﷲ ޒަމީންއާ އެކު ހުށަހަޅައިދިން ހިތްގައިމު ލަވަ "މަގެ ލޯތްބާ މަގެ ޔާރު" މި ލަވަ އެވެ.

އެންމެންގެ ޔާރަކަށް އަދި ފެވަރިޓަކަށް ރިޒޫ ބަދަލުކޮށްލި ލަވަ އަކީ މިއީ އެވެ. ދެން އޭނާ އަށް މި ދާއިރާ އިން އެކި ފުރުސަތުތައް އޮހިގަތީ އެވެ. ފިލްމަކަށް ލަވައެއް ރިކޯޑްކުރުވިޔަސް ބަޔަކު މީހުން އިޝްތިހާރެއް ހެދިޔަސް ރިޒޫގެ ހިތްގައިމު އަޑާއި އޭނާގެ "ލޯބިކަން" އެ ލަވައަކުން ނުވަތަ ވީޑިއޯއަކުން ނުދައްކައި ނުވާ ވަރަށް ވުރެ އޭނާ އާންމުންގެ މެދުގައި މަގްބޫލުވީ އެވެ.

"މޮކާޓޭ ރިޒޫ" އެއްގެ ނަމުން އޭނާ އާންމުންގެ މެދުގައި މަޝްހޫރުވީ ވެސް މި ދެންނެވި މަޝްހޫރުކަމެއްގެ ތެރެއިން ލިބުނު ފުރުސަތުތަކެއްގެ ބޭނުން ހިފައި ކުޅުނު އިޝްތިހާރަކާ ގުޅިގެންނެވެ. އޭޑީކޭގެ އެ އިޝްތިހާރު ވެސް އެ ވަރަށް މަޝްހޫރުވުމުގެ ފަހަތުގައި ރިޒޫގެ "މޫނު" ގެ ބޮޑު ހިއްސާއެއް އޮތް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ކޮންމެއަކަސް މި ފޯރިއެއްގައި ކުރިއަށް ދިޔަ މި އުއްމީދީ ލަވަކިޔުންތެރިޔާގެ ބަދުނަސީބަކަށްވީ ކުއްލިގޮތަކަށް މި ދާއިރާ އިން ބްރޭކެއް ނަގަން ޖެހުމެވެ. ރޮކެޓެއްހެން އަރައިގެން ދިޔަ ރިޒޫގެ ތަރީގެ އަލިކަން މި ބްރޭކާ ހަމަ ކުއްލިއަކަށް ގެއްލުނީ އެވެ.

އެއަށް ފަހު، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ރިޒޫ މި ވަނީ އަނެއްކާވެސް އޭނާގެ ފޭނުންނާ ހަމަ އަށް އައިސްފަ އެވެ. އެންމެ ފުރަތަމަ ވެސް އޭނާ ބެލުންތެރިންނާއި އެހުންތެރިންނަށް ފެނުނު ޕްލެޓްފޯމް "އެހަނދާނުގައި" ގެ އެޕިސޯޑަކުންނެވެ.

މި އެނބުރި އައުމާ އެކު ރިޒޫ އަށް ދަނީ އަނެއްކާވެސް ކުރިން ލިބުނު ފަދަ ހުށަހެޅުންތަކާއި ފުރުސަތުތަކެއް ވެސް ލިބެމުންނެވެ. އެގޮތުން މި ދުވަސްކޮޅު އެންމެ މަޝްހޫރީ ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާރު އުފައްދަމުން އަންނަ ލޯބީގެ ފިލްމު "ވާށޭ މަށާ އެކީ" އަށް އޭނާ ރިކޯޑްކޮށްފައިވަނީ ފިލްމުގެ ޓައިޓްލް ލަވަ އެވެ.

މި ލަވަ ރިކޯޑްކޮށްފައި ވަނީ "އެންމެ ފަހު ވިންދާ ޖެހެން ދެން" ގައި ހިމެނިގެން ބޮޑު މަޝްހޫރުކަމެއް ހޯދި "ރޯލީމޭ" ލަވައިގެ އާޓިސްޓް ފަތޯއާ އެކުގަ އެވެ.

ރިޒޫ ބުނީ ފިލްމަށް ލަވަކިޔަން ފުރުސަތު ލިބުނީ އެނބުރި އައިސް މިދިޔަ ރޯދަ މަހުގެ އެނހަނދާނުގައި ޝޯގައި ހުށަހަޅައިދިން ލަވަ އަށް ފަހު ކަމަށެވެ.

"އެ ހަނދާނުގައި ޝޯގައި މިފަހަރު ކީ ލަވަ، މަލުގެ ރާނީ އަޑުއިވިގެން މޮގާ (ފިލްމުގެ ޕްރޮޑިއުސަރު) އެދުނީ އޭނާގެ ފިލްމަށް ލަވައެއް ރިކޯޑްކުރަން،" ރިޒޫ ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ ތީމް ލަވައިގެ އިތުރުން ދެ ވަނަ ލަވައެއް ވެސް "ވާށޭ މަށާ އެކީ" އަށް ރިކޯޑްކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރިޒޫގެ މި އެނބުރިއައުން ފާހަގަކުރެވެނީ ކުރިން އޭނާ ފެނުނު ގޮތަށް ވުރެ ވަރުގަދަކޮށެވެ. އެގޮތުން ލަވަކިޔުމަށް ނުވަތަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އޭނާ މިފަހަރު ވަރުގަދައަޒުމެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރިޒޫ ދަނީ އޭނާގެ ސޯޝަލް މީޑިއާ ކެމްޕޭން ވެސް ވަރުގަދަކޮށް އޯޑިއެންސް ބޮޑުވާނޭ ފަދަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އޭނާ ބުނަނީ ދެން އާންމުންނަށް "ގެއްލިގެން ދިއުމުގެ" ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

"ވާނެ ގޮތް ބުނާކަށް ނޭނގޭ. އެކަމަކު ހިތަކު ނެތް ގެއްލިދާނެއެކޭ. ދެވެން އޮތް އެންމެ ކުރިއަކަށް ދާން ބޭނުންވަނީ،" ދުވަސްކޮޅެއް ކޮށްލާފައި އަނެއްކާވެސް ލަވަކިޔުމާ ދުރަށް ޖެހިލަފާނެތޯ ސުވާލުކުރުން ރިޒޫ ބުނީ މިހެންނެވެ.

ރިޒޫ ބުނީ މަސައްކަތްކުރެވޭ ގޮތަކުން ކޮންމެ މީހެއްގެ އަތުގައި ވެސް ނަސީބު ހިފައިފާނެ ކަމަށާއި ރާއްޖޭގެ މިއުޒީޝަނުން ދުނިޔެ އަށް ހުޅުވެމުންދާއިރު އެފަދަ ފުރުސަތެއް އޭނާ އަށް ވެސް ފަހިވެދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ރާއްޖެ އަށް އެބަ އާދޭ އިންޓަނޭޝަނަލް މިއުޒީޝަނުންނާއި ޕްރޮޑިއުސަރުންވެސް. އެހެންވީމަ ރަނގަޅަށް މަސައްކަތްކުރެވިއްޖެ ނަމަ އޭގެ ރަނގަޅު ފުރުސަތެއް ވެސް ލިބުމުގެ ޗާންސް އޮންނާނެ ކޮންމެ މީހަކަށް ވެސް،" ރިޒޫ ބުންޏެވެ.

"އަޅުގަނޑު ރީއްޗަށް ލަވަ ކިޔައި މިއުޒިކަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކްލާހުގައި ވެސް އެންމެ ކުރީ ސަފުގައި ބަހައްޓާފައި ހުންނާނީ އޭރު،" ރިޒޫ ކިޔައިދިނެވެ.

"ސްކޫލްގައި އުޅެމުން ލަވަ މުބާރާތުން ލިބުނު ފުރުސަތު ވެސް. އެކަމަކު ލަދުން އުޅޭތީ އެކަނި ގޮސް ސްޓޭޖަށް އަރައި ލަވަނުކިޔާންވެގެން ރޮއެފައި އަންނަނީ ގެއަށް."

އާންމުންގެ ތެރޭގައި ލަވަކިޔަން އޭރު ލަދުގަތަސް ގޭގައި އުޅޭއިރު އޭނާ އަކީ އަބަދުވެސް އަމިއްލަ އަށް ޝޯ ދީ އުޅުނު މީހެކެވެ.

"އެއީ ގޭގެ ބަދިގެ ތެރޭގައި. ބަދިގޭގައި ލަވަކިޔާއިރު އަޑު އަންނާނީ ވަރަށް އެކޯވެގެން،" ހެމުންހެމުން ރިޒޫ ކިޔައިދިނެވެ.

އޭނާ ބުނީ އެންމެފަހުން އޭނާގެ ހުނަރު ބަޔަކަށް ދައްކާލުމަށް ނުވަތަ އަޑުއިއްވާލުމަށް ފުރުސަތު ވެސް ލިބުނީ ބަދިގޭގައި ލަވަކިޔައި އުޅެނިކޮށް ކަމަށެވެ.

"ދެން މިގޮތަށް ބަދިގެ ތެރޭގައި އެކަނިމާއެކަނި ލަވަކިޔައި އުޅެނިކޮށް ބޭބެއަކަށް މިކަން ފާހަގަކުރެވިގެން ގޮވައިގެން ދިޔައީ ކުޑަ އިއްބެ ކައިރިއަށް. ދެން ކުޑައިއްބެގެ ޓެސްޓަކުން ފާސްވެގެން ދިޔައީ އެހަނދާނުގެ އޮޑިޝަނެއްގައި. ދެން އެންމެ ފަހަރަކުން ލަވަ ވެސް ރިކޯޑްކޮށްލެވިއްޖެ،" ރިޒޫ ބުންޏެވެ.

"ވަން ޝޮޓުން" ރިކޯޑްކުރި އެ ލަވަ އަކީ "މަގެ ލޯތްބާ މަގެ ޔާރު" އެވެ.

"އަޅުގަނޑަށް ހީވަނީ ވޯކު ކުރެވޭ ގޮތަކުންނޭ އާންމުން އެ މީހަކު ބަލައިގަންނަނީ. އެ ލަވަކިޔައިގެން ތިން އަހަރު ތެރޭގައި އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު މަޝްހޫރުކަމެއް. ވަރަށް ގިނަ ބަޔަކު ބަލައިގަތް،" ރިޒޫ ބުންޏެވެ.

"އެހެންވީމަ އެނބުރި އައިފަހުން އަދި ވަރަށް ޕޮޒިޓިވްކޮށް ދަނީ އަނެއްކާވެސް."

ދެން އޮތީ އެހެން ސުވާލެކެވެ. މި ސުވާލެއްކޮށްލާފައި ނިންމާލާނީ އެވެ.

ރިޒޫ އަށް ރިޒޫއޭ ކިޔުނީ ކިހިނެތް ހެއްޔެވެ؟

"ތިޔައީ ވަރަށް ގިނަ މީހުން ކުރާ ސުވާލެއް،" ރިޒޫ ބުންޏެވެ.

"ރިޒޫ އަކީ އަސްލު ނަމެއް ނޫން. އެކަމަކު އަޅުގަނޑު އުފަން ވެގެން ދިން ފުރަތަމަ ނަމުން އުފެދުނު ނަމެއް އެއީ. އަޅުގަނޑަށް އެންމެ ފުރަތަމަ ދިން ނަމަކީ ރިޒްލާ އަތީކާ. އެއީ ލަންކާގައި."

ފަހުން އޭނާގެ ނަން ބަދަލުވީ ހަދީޖާ މުހައްމަދަށެވެ.

"ދެން ރިޒްލާ ކިޔާތީ ކުރުކޮށް ކިޔަން ފެށީ ނަމެއް ރިޒޫ އަކީ. ވީގޮތަކީ ފަހުން ހަދީޖާއޭ ކިޔަން ފެށީމަ އުނދަގޫވީ ސްކޫލަށް ގޮސްގެން ވެސް. ކުޑައިރު ހިތަށް އަރަނީ އެއީ މުސްކުޅި ނަމެކޭ. އެކަމަކު މިހާރު ދެން ވަކި އެހެން ހިތަކަށް ނާރާ."