ފަންނު އެކްސްޕޯ

ފަންނު އެކްސްޕޯ ހުޅުމާލެ އިވެންޓަށް ބޮޑު ތަރުހީބެއް

Sep 8, 2019

ފަންނު އެކްސްޕޯގެ މައުލޫމާތު ދޭން ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ފަންނު އެކްސްޕޯ އިންތިޒާމު ކުރާ އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިއަ ހުކުރު ދުވަހުގެ އިވެންޓުގައި އެކި އުމުރު ފުރާގެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

"ކުރިން މައުލޫމާތު ލިބިގެން ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރު ފުރާތަކުގެ މީހުން ދިޔަ. ވަރަށް ގިނަ ބަޔަކު މައުލޫމާތު ސާފު ކުރުމުގެ އިތުރުން ވަގުތުން އެކްސްޕޯގައި ބައިވެރި ވެސް ވި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީ ކައިރީގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ފޯމު ބަލައިގަތުމާއި މައުލޫމާތު ދިނުމާއި ފޯމު ދޫކުރުން ވެސް އޮތެވެ. މި ހަރަކާތް ކުރިއަށް ދިޔައިރު ލައިވް މިއުޒިކާއި އެހެން ގިނަ ހަރަކާތް ތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. އެކްސްޕޯއަށް ތައްޔާރު ވަމުންދާއިރު ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އޮތީ ހުޅުވާލާފަ އެވެ. މިހާތަނަށް މާލެ އިން 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ފަންނު އެކްސްޕޯ އޮންނާނީ އަންނާނީ ނޮވެމްބަރު މަހު ދަރުބާރުގޭގަ އެވެ. އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީ ތަކެއް ލިބެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި އެ އުފެއްދުންތައް ބަހައްޓައިދޭނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ކުރިއަށްދާ "އެކްސްޕޯ 2020" ގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދޭނެ އެވެ.