އަންނަ މަހު ދަރުބާރުގޭގައި އޮންނަ "ފަންނު އެކްސްޕޯ" ގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން ބުނި ގޮތުގައި އިކޮނޮމިކް މިނިސްޓްރީން މި އަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު "ފަންނު އެކްސްޕޯ 2019" އަންނަ މަހުގެ މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށް ދާއިރު، ދަރުބާރުގޭގައި ހަފުތާއަކަށް ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.
އެ ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ކުރިމަތިލާން ހުޅުވާލާފައިވާއިރު އެ މަސައްކަތާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހު މެންދުރު ފަހު 3:00 ޖަހާއިރު ބީސީސީގައި އޮވެ އެވެ. ހުށަހެޅުންތައް ހުށަހެޅުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު މެންދުރު ފަހު 3:00 ޖަހާއިރު އެވެ.
މައުރަޒު ބާއްވާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިނާއި ވެނިއު އޮގަނައިޒިންގް ހަވާލުކޮށްފައި ވަނީ ބީސީސީއާ އެވެ. މިއީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމުކޮށްދޭން ބާއްވާ މައުރަޒެކެވެ. މިއީ މިގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ.
ކެންޓީން ހިންގާނެ ބައެއްގެ އިތުރުން، ދަރުބާރުގެ ކައިރީގައި އޮންނަ ހުސް ބިމުގައި ސައުންޑާއި ލައިޓާއެކު ސްޓޭޖެއް ހަދައިދޭނެ ފަރާތެއް ހޯދަން ވެސް އެ މިނިސްޓްރީން އިއުލާނު ކޮށްފައި ވެއެވެ.
މި މައުރަޒުގައި 78 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ފަރާތެއް ހޮވައި އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. މީގެ އިތުރުން ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވަން ވެސް އިކޮނޮމިކް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
ފަންނު އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.