ހަބަރު

އެލްޖީއޭގެ "ވިޔަ" ޕްރޮގްރާމްގެ ޓްރެއިނިން ފަށައިފި

Sep 8, 2019

ހުރިހާ ކައުންސިލްތަކެއްގެ ހިސާބުތައް އޮންލައިންކޮށް ގުޅުވައިދޭ "ވިޔަ" ޕްރޮގްރާމަށް ކައުންސިލްތައް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ފަށައިިފި އެވެ.

ހަތަރު ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މި ޓްރެއިނިން ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވާނެ އެވެ.

އެލްޖީއޭ އިން ބުނީ ވިޔަ މޮޑިއުލްއަކީ ހުރިހާ ކައުންސިލްތަކުގެ ހިސާބުތައް އިލެކްޓްރޯނިކް ސިސްޓަމެއްގެ ތެރެއިން ބެލެހެއްޓިގެންދާނެ މޮޑިއުލެއް ކަމަށެވެ. މައިގަނޑު ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކަކީ ބަޖެޓް ކުރުމާއި ޕޭމެންޓް ވައުޗާ ހެދުމާއި ރިޕޯޓްތައް ހެދުމާއި ކައުންސިލްގެ ފައިނޭންސްގެ ތެރެއިން ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތައް ކަމަށެވެ. މި ސޮފްޓްވެއާ އަންނަ ނޮވެމްބަރު މަހުގެ 30 ކުރިން ބޭނުން ކުރެން ފެށޭނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

މިއަދުގެ ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އަތުން ލިޔެކިޔުމުން ބަލަހައްޓަމުންދިޔަ ހިސާބުތަކާއި ކައުންސިލްތަކުން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތްތަކާއި އާބާދީ ރަޖިސްޓަރީ ކުރުމާއި އެނޫން ވެސް އެހެން ހިދުމަތްތައް އޮންލައިން ކުރުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ގިނަ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ޕްރޮގްރާމްތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް އާބާދީ ދުވަހުން ދުވަހަށް އަޕްޑޭޓް ކުރެވޭނެ އެޕެއް ވެސް ތައްޔާރު ކުރާ ކަމަށެވެ.