ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދަކީ ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ދެ ނަމެވެ. އެންމެ މަތީ ކޯޓުގެ އެންމެ ޝަރަފުވެރި ބެންޗުގައި އިށީނދެވަޑައިގަންނަވާނެ ފުރަތަމަ އަންހެން ދެ ފަނޑިޔާރުންނެވެ. ސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން ދެ ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓު 2008 ގެ ގާނޫނު އަސާސީއިން އެކުލަވާލައި ބެންޗަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ހަތް ފިރިހެން ބޭފުޅުންނެވެ. އެގޮތުގައި ހުސް ފިރިހެން ބޭފުޅުންނާއެކު ބެންޗު މި އަހަރުގެ ނިޔަލަށް އޮތީ އެވެ. ބެންޗަށް ތިން ފަހަރެއްގެ މަތިން ބަދަލު ވެސް އަ އެވެ. އެކަމަކު، އެ ގޮނޑީގައި އިށީނދެވަޑައިގަތުމުގެ ޝަރަފު މުޅިން ވެސް ލިބެމުން ދިޔައީ ފިރިހެން ބޭފުޅުންނަށެވެ.
މިކަން ބަދަލު ކުރެއްވުމަށް އެންމެ ފުރަތަމަ އިސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އަޒްމިރަލްދާ އާއި ޝުޖޫންގެ ނަން ކުރިއަށް ގެންނެވިއިރު އެއީ އެއްވެސް ބަޔަކު އުއްމީދު ކޮށްގެން ތިބި ކަމެއް ނޫނެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް އެ ވާހަކަ ދެކެވެމުންދިޔަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތުގެ އޮންނަ ގޮތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސްއަށް ނަންތަކެއް ލަފާ އެރުވުމެވެ. އެ ނަންތައް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އައްޔަންކުރަން ފާސް ކުރާނީ މަޖިލީހުންނެވެ.
ޖޭއެސްސީގެ ލަފާއެއް ހޯދުމަށް ދެ ބޭފުޅުންގެ ނަން، ރައީސް ޖޭއެސްސީއަށް ފޮނުވި އެވެ. އެއާއެކު ދީނީ އިލްމުގެ ބޭފުޅުން ނުރުހުން ފާޅު ކުރި އެވެ. ބޮޑު ބަހުސަކަށް ގައުމު ވެއްޓުނެވެ. ނަމަވެސް މަޖިލިސް ގިނަ މެންބަރުން އަދި ބައެއް ދީނީ އިލްމްވެރިން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ. އެމަނިކުފާނު ވަނީ އަންހެން ފަނޑިޔާރުން ހުއްދަވާ ގިނަ ސަބަބުތައް ދައްކަވާފަ އެވެ. އަޑު ގަދަވީ އެ ވާހަކަތަކެވެ.
އެއާ ހިލާފަށް އަދާލަތު ޕާޓީއިން ވަނީ އެކަން ހުއްދަ ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ކާފަރުވާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ. ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ވެސް ބުނީ އަންހެން ފަނޑިޔާރުން އައްޔަންކުރުން ހުއްދަ ނޫން ކަމަށެވެ.
ޖޭއެސްސީއިން އެ ނަންތައް ބަލައިގަނެ، އިތުރު ބޭފުޅުންނަށް ޖޭއެސްސީއިން ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. ނަމަވެސް އިންޓަވިއުކުރުމަށްފަހު ޖޭއެސްސީއިން ވެސް ރައީސްއަށް ލަފާ އެރުވީ ޝުޖޫން އާއި އަޒްމިރާލްދާގެ ނަމެވެ. އެއާއެކު، ދެ ބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި އެވެ.
ދެ ބޭފުޅުންގެ ގާބިލްކަމުގެ ވާހަކައަކާއެކު ގިނަ މެންބަރުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ 62 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި 64 މެންބަރުން ބައިވެރިވިއިރު ރުހުން ނުދޭން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެ މެންބަރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އޭގެ އަނެއް ދުވަހަކީ ތާރީހީ ބޮޑު ބަދަލު އައި ދުވަހެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ދެ ބޭފުޅުން، ރައީސް ސޯލިހުގެ ކުރިމަތިފުޅުގައި ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކޮށްފައިވާއިރު އާ ދެ ގޮނޑީގައި އަޒްމިރަލްދާ އާއި ޝުޖޫން އިށީނދެވަޑައިގަންނަވާނެ އެވެ. އެކަމަކު، އަދި އެ ދެ ބޭފުޅުން ޝާމިލްވާ ޝަރީއަތެއް ތާވަލެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި ދެ ބޭފުޅުން ބޮޑަށް ޝާމިލްވާނީ މަދަނީ މައްސަލަތަކުގަ އެވެ.
އަޒްމިރަލްދާއަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ވެސް ގިނަ ބަޔެއްގެ އިހްތިރާމް ހޯއްދެވި ފަނޑިޔާރެކެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރުގެ ދަރިކަނބަލުން އަޒްމިރަލްދާއަކީ އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޕީއެޗްޑީއާއެކު ފަނޑިޔާރުކަން ކުރައްވާ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފަނޑިޔާރު ކަމުގެ ކުރިން ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރެއްވި އެވެ.
ޝުޖޫންއަކީ ވެސް ހަމަ އެހެން ގާނޫނީ ބޭފުޅުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އޭނާއަކީ އެންމެ ފުރަތަމަ އަންހެން ދެ ގާޒީގެ ތެރޭ ހިމެނޭ ބޭފުޅެއް ވެސްމެ އެވެ. ސްކޫލް ދުވަސްވަރު ރީއްޗަށް ލަވަ ވިދާޅުވި ޝުޖޫންއަށް ގާޒީކަން ލިބި ވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރި ކަމުގައި ޖުލައި 11، 2007 ގައެވެ. އަބަދުވެސް އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަކާލާތަކު ކުރައްވަމުން ވަޑައިގެންނެވި ޝުޖޫން ވަނީ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ) އަށް ދެ ފަހަރަށް އިންތިހާބުވެ ވަޑައިގެންފަ އެވެ. ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ އެ ކައުންސިލްގެ މެންބަރަކަށް ވެސް އިންތިހާބުވި އެވެ.