ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެންބަރަކު ވަނީ ރުހުން ދިނުމާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ އަންހެން ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ، ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރު ދެ ފަނޑިޔާރުން ތިބޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައުމުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވެސް ކުރިމަތިލި އެވެ. ފަނޑިޔާރުންނާ އިންޓިވިއު ކުރުމަށްފަހު ޖޭއެސްސީން ރައީސަށް ލަފާ ދިނީ ރައީސް ހުށަހެޅުއްވި ދެ ފަނޑިޔާރުން އައްޔަން ކުރުމަށެވެ. އެ ލަފައާއެކު ރައީސް އެ ނަންތައް މަޖިލީހަށް ފޮނުއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުންގެ ނަން ރައީސް ހުށަހެޅުއްވުމުން ދީނީ އިލްމުވެރިންގެ ދެބަސްވުން އުފެދުނެވެ. އެ ގޮތުން ބައެއް އިލްމުވެރިން ވަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ރައީސްގެ ނިންމެވުން ބަދަލު ކުރެއްވުމަށް ގޮވާލައިފަ އެވެ.
ޑރ. އަޒްމިރަލްދާ ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވިއިރު، އެކަމަނާއަކީ ހައި ކޯޓުގެ ބެންޗުގައި އެހާތަނަށް އިންނެވި ހަމަ އެކަނި އަންހެން ބޭފުޅާ އެވެ. އަދި ޝުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވިއިރު، އެކަމަނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެ ކައުންސިލަށް ވެސް ހޮވިވަޑައިގެންފަ އެވެ.