ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫން އަދި އަޒްމިރާލްދާ އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން އެވެ.

ދެ ބޭފުޅުން ވެސް ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މަގާމު ލިޔުން ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝުޖޫން އާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް އެންމެ ފުރަތަމަ ރައީސް ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާއަށް އެދިވަޑައިގަތެވެ. ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންގެ ލަފާ ރައީސްއަށް އަރުވަން ޖެހެނީ އެ ކޮމިޝަނުންނެވެ.

އެގޮތުގެ މަތިން އެ ނަންތައް ބަލައިގަނެ، އިތުރު ބޭފުޅުންނަށް ޖޭއެސްސީއިން ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. ނަމަވެސް އިންޓަވިއުކުރުމަށްފަހު ޖޭއެސްސީއިން ވެސް ރައީސްއަށް ލަފާ އެރުވީ ޝުޖޫން އާއި އަޒްމިރާލްދާގެ ނަމެވެ.

އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ އެވެ. އެއީ 62 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި 64 މެންބަރުން ބައިވެރިވިއިރު ރުހުން ނުދޭން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އަންހެން ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަސައްކަތް ފެށުމުން ބައެއް ދީނީ ބޭފުޅުން ނުރުހުން ފާޅު ކުރި އެވެ. ނަމަވެސް މަޖިލިސް ގިނަ މެންބަރުން އަދި ބައެއް ދީނީ އިލްމްވެރިން ވެސް ވަނީ އެކަމަށް ތާއިދު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ. އެމަނިކުފާނު ވަނީ އަންހެން ފަނޑިޔާރުން ހުއްދަވާ ގިނަ ސަބަބުތައް ދައްކަވާފަ އެވެ.

އެއާ ހިލާފަށް އަދާލަތު ޕާޓީއިން ވަނީ އެކަން ހުއްދަ ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ކާފަރުވާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ. ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ވެސް ބުނީ އަންހެން ފަނޑިޔާރުން އައްޔަންކުރުން ހުއްދަ ނޫން ކަމަށެވެ.

އަޒްމިރާލްދާ އާއި ޝުޖޫން އައްޔަންކޮށްފައިވަނީ އާ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށެވެ. މިހާރު ވެސް ބެންޗުގެ އެއް މަގާމު ވަނީ ހުސްވެފަ އެވެ. އެއީ ފަނޑިޔާރު އަބްދުﷲ ދީދީ، އެ މަގާމުން މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ޖޭއެސްސީއިން ވަނީ ހުޅުވާލާފަ އެވެ.

ޝުޖޫން، އިއްޔެ ހަމައަށް ހުންނެވީ އަލަށް އުފެއްދި ބާ ކައުންސިލްގެ އެކްސްކޯ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާގެ ނަމަށް މަޖިލީހުން ރުހުން ދިނުމުންނެވެ.