ހަބަރު

ޝުޖޫން އާއި އަޒްމިރަލްދާ މިއަދު ސުޕްރީމް ކޯޓު ބެންޗަށް

ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު މިއަދު ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ޝަރީއަތެއް ބެއްލެވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ބައްލަވާ ފުރަތަމަ ޝަރީއަތަކީ ވަޒީފާއާބެހޭ މައްސަލައެއްގައި އަމިއްލަ މީހަކު ދައުލަތާ ދެކޮޅަށް އުފުލާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ އިތުރުން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު 10:00 އަށެވެ.

ފަނޑިޔާރު ޝުޖޫން ބައްލަވާ ފުރަތަމަ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު 1:00 އަށެވެ. އެއީ ހަޟާނާތުގެ މައްސަލައެކެވެ. އެ މައްސަލާގައި ފަނޑިޔާރު ޝުޖޫންއާއެކު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް އެންމެ ފުރަތަމަ އިސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ހޯދަން ރައީސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވި އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތުގެ އޮންނަ ގޮތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސްއަށް ނަންތަކެއް ލަފާ އެރުވުމެވެ. އެ ނަންތައް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އައްޔަންކުރަން ފާސް ކުރާނީ މަޖިލީހުންނެވެ.

އެ ދެ ނަން ކުރިއަށް އައުމާއެކު ދީނީ އިލްމުގެ ބޭފުޅުން ނުރުހުން ފާޅު ކުރި އެވެ. ބޮޑު ބަހުސަކަށް ގައުމު ވެއްޓުނެވެ. ނަމަވެސް މަޖިލިސް ގިނަ މެންބަރުން އަދި ބައެއް ދީނީ އިލްމްވެރިން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. ޖޭއެސްސީއިން ވެސް ރައީސްއަށް ލަފާ ދެއްވީ އެ ދެ ބޭފުޅުންގެ ނަމެވެ. އެއާއެކު ރައީސް އެ ދެ ނަން މަޖިލީހަށް ފޮނުއްވި އެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ 62 މެންބަރުންގެ ވޯޓުންނެވެ.