ދަރަންޏެއް ސާބިތު ނުވަނީސް، ފައިސާ ދެއްކުމަށް ކުރި ހުކުމެއްގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރިން އަމަލުކޮށްފައިވާ ގޮތާ މެދު ލަދުވެތިވާ ކަމަށް ބުނެ، އެ ނިންމުމަށް ސުޕްރީމް ކޯޓުން ފާޑުކިޔައި ބަދު ބަސް ބުނުމަކީ ޝަރުއީ ހަމަތަކާ ހިލާފުކަމެއް ބުނެ، އެކަން ކުށްވެރިކޮށްފި އެވެ.
މއ. އަތަމަގޭ އިބްރާހިމް އަބްދުއްލަތީފްގެ ފަރާތުން އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި ޖިނާއީ ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމުމުން ޕީޖީއާ ދެކޮޅަށް އޯނަސް ކުންފުނިން 2010 ވަނަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން އޭރު ނިންމާފައި އޮތީ ޕީޖީގެ ނިންމުން މުރާޖާ ކުރަން ޕީޖީގެ ކިބައިން އޯނަސް ކުންފުންޏަށް އެދެވިދާނެ ކަމަށެވެ.
ނަމަވެސް، އެ ފައިސާ ދައްކަން އަބްދުއްލަތީފްގެ މައްޗަށް ހުކުމުގައި އަންގައިފައެއް ނުވެ އެވެ.
ފައިސާ ދައްކަން އެ ހުކުމުގައި އަންގާފައި ނެތީސް، އެ ކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ސިޓީއަކުން އެންގީ އެ ހުކުމް ތަންފީޒުކޮށް، އަބްދުއްލަތީފްގެ އަތުން ފައިސާ ހޯދުމަށެވެ. އެހެންވެ، އެ ޗެކްތަކަށް 2.8 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން 2015 ވަނަ އަހަރު އޭނާއަށް އެންގި އެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ދެ ކޯޓުން ވެސް އޭރު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ ފައިސާ ދައްކަން ދެވަނަ ފަހަރަށް 2017 ވަނަ އަހަރު އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން އެންގި އެވެ. އޭގެ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ ފެބްރުއަރީ 1، 2018 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ބައެއް ފަނޑިޔާރުންގެ މަގާމު ގެއްލި، ކޯޓުގެ ބެންޗް ބަދަލުވެފައި ވަނިކޮށް އޭނާގެ ފަރާތުން ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދަރަންޏެއް ސާބިތު ނުވާ މީހެއްގެ އަތުން ފައިސާ ހޯދަން ސުޕްރީމް ކޯޓުން އޭރު އެންގުމާއި އެ އެންގުމަށް ތަބާވެ ސިވިލް ކޯޓާއި ހައި ކޯޓުން އަމަލު ކޮށްފައި އޮތީ އަދުލު އިންސާފުގެ ހުރިހާ އުސޫލުތަކާ ދިމާ އިދިކޮޅަށް ކަމަށެވެ. ފައިސާ ދައްކަން ކުރި ހުކުމެއް ނެތީސް، ހުކުމް ތަންފީޒުކޮށް އެ ފައިސާ ހޯދަން އަންގައި، އޭރު ސުޕްރީމް ކޯޓުން އަމަލުކުރީ އެންމެ އާދައިގެ އިންސާނަކު ވެސް ގަބޫލު ނުކުރާނެ ފަދަ ގޮތަކަށް ކަމަށް އެ ހުުކުމުގައިވެ އެވެ.
"މިއަދު އަހުރެން ލަދުވެތިކަމާ އެކު ފާހަގަ ކުރަން ޖެހެނީ ދިވެހި ކޯޓުތަކުން ޚިޔާރުކުރީ ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތުގައިވާ ޕްރިންސިޕަލް އޮފް ނެޗުރަލް ޖަސްޓިސްގެ އަސާސީ އުސޫލުތައް ތަޖާހުލްކޮށް މުގުރާލުން ކަމަށެވެ. މި މައްސަލާގައި އޮތީ މީހެއްގެ އަސާސީ ހައްގު ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި ޝަރުއީ ކޯޓުތަކުން އަސާސީ ހައްގެއް ނިގުޅައިގެެންފަ އެވެ." ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުކުމުގައި ލިޔުއްވާފައިވެ އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ހުސްނުއްސުއޫދު ހުކުމުގައި ލިޔުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން އަމަލު ކުރައްވާފައިވާ ގޮތާ މެދު ލަދުވެތިވާ ކަމަށެވެ.
"އަދުލު އިންސާފު ގާއިމް ކުރެއްވުމުގެ ނަމުގައި ޝަރުއީ ނިޒާމުގެ ބޭރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުއީ ނިޒާމަށް ހުރުމަތެއް ނުބަހައްޓަވައި، ކުރައްވާފައިވާ އަމަލުތަކަށް ލަދުވެތިވެ ހުރެ، މި މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ." ސުއޫދުގެ ރައުޔުގައިވެ އެވެ.
އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަގުލަބިއްޔަތު ރައުޔަށް ތާއީދު ކުރެއްވި އެވެ. އެކަމަކު އިތުރު އެއްޗެއް ހުކުމުގައި ވިދާޅެއް ނުވެ އެވެ.
އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ކުރި ހުކުމަށް އިޝާރާތް ކުރައްވައި، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ ފަނޑިޔާރުގޭގައި އިންތިޒާމު ކުރެވިގެން "އިދިކީލި އިޖުރާއަތުގެ ތެރެއިން ވަގޮށް" ޖެހިފައިވާ މައްސަލަތަކުގެ އިޖުރާއަތު ރަނގަޅުކޮށް، ގޮށް މޮހުމަކީ އިންސާފުގެ
މަގު ފަހިވެގެން ދިޔުން ކަމަށެވެ.
ބަންޑާރަ ނައިބަށް ރައްދު ދެއްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ މައްސަލައަކީ މުޅި ފަނޑިޔާރުގެއާ ބެހޭކަމެއް ނޫން ކަމަށެވެ.
"މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުން މަދަނީ އަދުލުގެ އުސޫލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އިންސާފަށް ހުރަސް އެޅިފައިވާތީ މިމައްސަލަ މުރާޖައާކުރުމަށް ބަލައި ހިންގަންފެށީ އަޅުގަނޑުގެ ރިޔާސަތުގައި،" ޑރ. ދީދީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ވިދާޅުވީ، އެ މައްސަލާގައި އޭރު ހުކުމްކުރެއްވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމުގައިވާ، އަބްދުﷲ ސައީދާއި، އަލީ ހަމީދު އަދި އަބްދުﷲ އަރީފް ކަމަށްވާއިރު، އެ މައްސަލަ ނިންމެވިއިރު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވެސް އެކޯޓުގައި ތިއްބެވި ކަމަށެވެ.
އަދި ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ބަދު ބަސް ބުނުމަކީ ޝަރުއީ ހަމަތަކާ ހިލާފުކަމެއްކަމަށް ހައިލަމް ވިދާޅުވި އެވެ.
"މައްސަލައެއް މުރާޖައާކޮށް ފަނޑިޔާރުން ނިންމާ ނިންމުމުގައި އެ މައްސަލައެއް ކުރިން ބެލި ފަނޑިޔާރުންނަށް ރައްދުވާގޮތަށް ބަދު ބަސް ބުނުމަކީ އެއްވެސް ޖޫޑިޝަލް ޕްރެސެޑެންޓެއްގައި ފެންނަން ނެތް، އަންޕްރޮފެޝަނަލް އެކްޓިވިސްޓް ޖަޖެއްގެ ފަރާތުން މެނުވީ ފެންނާނެ އަމަލެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެކަމުގައި ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ، މިފަދަ ކޮންމެ މައްސަލައެއްގައި ފަނޑިޔާރުން ގޯސްކުރުމުން އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށެވެ.
"ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދުމަށް ސުލޫކަކީ ހަމައެކަނި ފަނޑިޔާރުންގެ އޮންނަކަމަކަށް ހެދުމަކުން ނިކުންނާނޭ ރަނގަޅު ނަތީޖާއެއް ނެތް. އެއްމެންގެ އިހުމާލު އެބައޮތް. އެކަން ގަބޫލުކުރެއްވުން ކީއްތޯ؟" މުހުތާޒު ވިދާޅުވި އެވެ.
އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، އެ މައްސަލަ އިބްރާހިމް އަބްދުއްލަތީފުގެ ފަރާތުން ހައިކޯޓުގައި އަލުން އިސްތިއުނާފް ކޮށްފި ނަމަ، އެ މައްސަލަ ބަލައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ދެ މައްސަލަ ނިންމުމަށެވެ.
އެކަމަކު އޯނަސްއަށް ލިބެންޖެހޭ ފައިސާއެއް ހުރި ނަމަ، އެކަމަށް ދައުވާ ކުރުމުގެ ހައްގު އޯނަސް އަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.