ހަބަރު

ޖޭއެސްސީއަށް ޝަރީފް، އައްޔަން ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުގެ މަގާމަށް ހައްދުންމަތި ކަލައިދޫ، އީރާފް، އަލީ ޝަރީފް އައްޔަން ކުރައްވައިފިއެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރާ މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ އަލީ ޝަރީފެވެ. އޯގަސްޓުމަހުގެ 24ވަނަ ދުވަހު ބޭއްވި އިންތިޚާބު ޝަރީފް ކާމިޔާބުކުރެއްވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާ ވާދަކުރައްވައެވެ. މި އިންތިޚާބުގައި ޝަރީފް ވަނީ 127 ވޯޓް ހޯއްދަވާފައެވެ.

ރައީސް އޮފީހުން ބުނީ އަލީ ޝަރީފް، ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލީ ޝަރީފް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އޭނާ ވަނީ ކުރައްވާފައެވެ. ޝަރީފަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލީ ޝަރީފާ ވަނީ ހަވާލުކުރައްވައިފައެވެ.